ބައިޑެން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ، ކެމްޕެއިން ހުއްޓުމަކަށް

ނަތީޖާ ލިބިވަޑައިގެންނެވިއިރު ބައިޑެން ގެންދެވީ ލަސް ވޭގަސްގައި ކެމްޕެއިން ހިންގަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގަތުމުގެ އުންމީދު ވަރަށް ކުޑަވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑަށް ޕޮޒިޓިވްވެ ރިޔާސީ ކެމްޕެއިނަށް ވަގުތީ ހުއްޓުމެއް އަތުވެއްޖެ އެވެ. 

ވާދަވެރިޔާ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ފެނުނު ދަށް ޕާފޯމަންސްގެ ސަބަބުން ބައިޑަނަށް ވަނީ ދެވަނަ ދައުރެއްގެ އުންމީދު ވަރަށް ބޮޑަށް ގެއްލިފަ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވެފައިވުމާއި ވެރިކަން ކުރެއްވުމުގެ އެކަށީގެންވާ ސިއްހަތެއް ނެތް ކަމަށް ބުނެ ބައިޑަންގެ ޕާޓީގެ ތެރޭގައި ވެސް ވަނީ އެހެން ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް ފާޅުގައި ދެކެވެން ފަށާފަަ އެވެ.

ވައިޓްހައުސް އިން ބުނީ ރޯގާގެ އާލާސްކަންފުޅު ހުރުމުން ޓެސްޓްތައް ހެއްދެވި ކަމަަށާ ނަތީޖާ އިން ރައީސް ބައިޑެން އަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ކެމްޕެއިން ހަރަކާތްތައް މިވަގުތަށް މަޑުޖައްސަވާލެއްވުމަށް ފަހު އެކަހެރިވެވަޑައިގެންފައިވާ ކަމަަށެވެ.

ކޮވިޑުގެ އާލާސްކަންފުޅު ޖެހިވަޑައިގަތަސް އާންމު ރޯގާއެއްގެ އަލާމާތްތައް ނޫނީ ނެތް ކަމަށާ ބައިޑެންގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ވައިޓްހައުސް އިން ބުންޏެވެ.

ނަތީޖާ ލިބިވަޑައިގެންނެވިއިރު ބައިޑެން ގެންދެވީ ލަސް ވޭގަސްގައި ކެމްޕެއިން ހިންގަމުންނެވެ.

ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ގޮވާލާ އަޑުތައް ގަދަވެ އެންމެ ފަހުން ބައިޑެން ވަނީ ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާނަމަ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑު ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމެރިކާ އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ރޮއިޓާސް/އިޕްސޮސްއިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓެމުންދާކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.