މިނިސްޓަރު ވިދާޅުވި ގޮތުގައި މި ގައުން އަކީ އިސްލާމީ ސަގާފަތާއި އިލްމާއި ހަޟާރަތު ރަމްޒުވާ ގައުން އަކަށް ވާނެ ކަމަށެވެ.
ކީރިތި ގުރުއާާން ހިތުން ދަސްކޮށް ހާފިޒަކަށްވާ މީހުން ދަސްވެނިވާ ހަފްލާ ގައި ލާނެ ގައުން އެއް ތައްޔާރު ކުރަން ނިންމައިފި އެވެ.
އެކަން ހާމަ ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހާފިޒުން ދަސްވެނިވާއިރު ލާ ގައުން ފަރުމާ ކުރުމަށް އަންނަ ހަފްތާ ގައި އިއުލާނު ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ގައުން އަކީ އިސްލާމީ ސަގާފަތާއި އިލްމާއި ހަޟާރަތު ރަމްޒުވާ ގައުން އަކަށް ވާނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ރޭ އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ގައި ކީރިތި ގުރުއާާން ހިތުން ދަސްކޮށް ހާފިޒަކަށްވާ މީހުންނަށް ވަނީ ތާޖު ހަވާލުކޮށްފަ އެވެ.
ކީރިތި ގުރުއާން ހިތު ދަސްކޮށްގެން 32 މީހަކު މި އަހަރު ހާފިޒު ކަމުގެ ތާޖު ހާސިލުކުރި އެވެ. ހާފިޒު ކަމުގެ ތާޖު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި އަހަރު ހާފިޒު ކަމުގެ ތާޖު ހާސިލު ކުރި މީހުންގެ ތެރޭގައި ވަރަށް ދޮށީ އުމުުރުގެ ބޭފުޅުން ވެސް ހިމެނެ އެވެ. އަދި ސުކޫލު ދަރިވަރުން ވެސް ހިމެނެ އެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ. ހާފިޒުންނަށް ސަރުކާރުން ދޭ އިނާޔަތް ދެގުނަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާން ހިތު ދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވާނެ ކަމަށެވެ. އެ ބަދަލު އަންނަ އަހަރު އަހަރު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަސްތު ކުރަނީ އަންނަ އަހަރުން ފެށިގެން ހާފިޒުން ގްރެޖުއޭޓްވާ ހަފްލާ އަކީ އެއީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހަފްލާ އާއި ވަކިން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.