ގަވަރުނަރު ވަކިކުރަން ނިންމައިފި؛ ޒިންމާ އަދާނުކުރައްވާ ކަމުގެ ތުހުމަތު

މައްސަލައާމެދު ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވީ ގަވަރުނަރު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައިނުވާ ކަމެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް، ފޮޓޯ: އަވަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީން ފާސްކޮށްފި އެވެ. 

ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވުމަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ފަހަރަކު ކޮމިޓީއަށް ވަޑައިގެންފައިނުވެ އެވެ. 

އިއްޔެ ކޮމިޓީއަށް ވަޑައިނުގަތުމުން ކޮމިޓީން ނިންމީ ފަހު ފުރުސަތެއްގެ ގޮތުގައި މިއަދު ކޮމިޓީއަށް ވަޑައިގަތުމަށް ފުރުސަތު އަރުވާށެވެ. މިއަދުވެސް ކޮމިޓީއަށް ވަޑައިނުގަތުމުން އޭނާ މަގާމުން ވަކިކުރަން ލަފާ ދިނުމުގެ މައްސަލައާމެދު ގޮތެއް ނިންމަން ހުށަހަޅައި ކޮމިޓީން ފާސްކުރީ ގަވަރުނަރު ވަކިކުރުމަށެވެ. 

މައްސަލައާމެދު ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވީ ގަވަރުނަރު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައިނުވާ ކަމެވެ. ކުރިންވެސް މާލިއްޔަތު ކޮމިޓީގެ މެންބަރުކަން ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ގަވަރުނަރު ސަރުކާރުތަކަށް ލަފާދެއްވި ކަމުގައި ވިދާޅުވި ނަމަވެސް މާލީ ހާލަތު ގޯސްވެގެންދިޔައިރު އެކަން ހުއްޓުވަން އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާ ކަމަށެވެ. 

ސަލީމު އިތުރަށް ވިދާޅުވީ ކޮމިޓީއަށް ވަޑައިނުގެންނެވޭ ސަބަބެއްގެ ގޮތުގައި އާލާސްކަންފުޅާ އުޅުއްވުން ފާހަގަކުރެއްވި ނަމަވެސް ގަވަރުނަރު ހުންނެވީ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ނޫންކަން އެހެން ގޮތްގޮތުން ކޮމިޓީއަށް އެނގިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމަށް ގަދަހެއްދެވުމަކީ ދެރަވަރު ކަމެއްކަމަށާއި، އެއީ ކުށެއް ކަމުގައި ސަލީމު ވިދާޅުވި އެވެ. 

އަދި މާލީ ހާލަތާ ގުޅިގެން ކުރީ ސަރުކާރަށް ދެއްވި ލަފައާއި އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުން އިސްތިއުފާދެއްވުމުގެ ފުރުސަތު އޮވެ އިސްތިއުފާނުދެއްވުމުން ގައުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ފާހަގަކުރެއްވި މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފަދަ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެމްއެމްއޭއިން ހަދާފައި ނެތުމެވެ. އެގޮތުން ޝައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުމުގެ އުސޫލުވެސް އެކުލަވައިލާފައިނުވާ ކަމަށް އަޒާން ވިދާޅުވި އެވެ. 

އެހެން މެންބަރުންވެސް ފާހަގަކުރެއްވީ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހަދާފައި ނެތުން ފަދަ މައްސަލަތަކެވެ. އެ މައްސަލަތައް ފާހަގަކުރައްވައި ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރީ އޭނާ ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދިނުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.