މަޝްރޫއުތައް ހުއްޓޭ ސަބަބު | ބަޖެޓުގައި ނިންމޭ ވަރަށް ފައިސާ ނުހިމެނުން

ރާފިއު އިތުރަށް ވިދާޅުވީ ބައެއް ފަހަރު މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ހިމަނާ ފައިސާގެ އަދަދަކީ މަޝްރޫއު ނިންމުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ޑރ.އަބްދުﷲ ރާފިއު، ފޮޓޯ: މިހާރު

ސަރުކާރުން ރަށްރަށުގައި ފަށާ ކުޅިވަރު ދާއިރާގެ މަަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ އެއް ސަބަބަކީ ބަޖެޓުގައި މަޝްރޫއުތައް ނިންމޭނެ މިންވަރަށް ފައިސާ ނުހިމެނުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން އިތުރު ސުވާލުގެ ވަގުތުގައި މަޝްރޫއުތައް މަޑުޖެހިފައި ހުރި ސަބަބާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ މަޝްރޫއުތައް މަޑުޖެހި ލަސްވަމުންދާކަން ގަބޫލުކުރައްވާ ކަމަށެވެ. 

އިތުރަށް ރާފިއު ވިދާޅުވީ މަޝްރޫއުތައް މަޑުޖެހި ދިގުލައިގެންދާ ސަބަބު ބެއްލެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އެފަދައިން ލަސްވެފައި ހުރި މަޝްރޫއުތައް އަލުން ފަށައި އަވަހަށް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރާފިއު ވިދާޅުވި އެވެ. 

ރާފިއު އިތުރަށް ވިދާޅުވީ ބައެއް ފަހަރު މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ހިމަނާ ފައިސާގެ އަދަދަކީ މަޝްރޫއު ނިންމުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަޝްރޫއު ފެށުނު ނަމަވެސް ފަހުން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްނުދާ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"ބައެއް ފަހަރު އަޅުގަނޑުމެންގެ ބަޖެޓުގައި ނުހުރޭ ޕްރޮޖެކްޓް ނިންމޭ ވަރަކަށް ފައިސާއެއް. އެހެން ނަމަވެސް ޕްރޮޖެކްޓްތައް އެބަހުރޭ ރަށްރަށުގައި ހަތަރު ޕްރޮޖެކްޓް، ފަސް ޕްރޮޖެކްޓް،" ރާފިއު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ބަޖެޓުގައި ގިނަ ފަހަރަށް ހިމަނާފައި ހުންނަނީ މަޝްރޫއުގެ މަސައްކަތް ހިންގުމަށް ބޭނުންވާ ފައިސާގެ ތެރެއިން މަސައްކަތް ފެށުމަށް އެޑްވާންސްގެ ގޮތުގައި ދޫކުރަންޖެހޭ ފައިސާގެ އަދަދު އެކަނި ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއަކަށްވާތީ ބީލަމުން މަޝްރޫއު ނަގައިގެން ކޮންޓްރެކްޓަރުން މަސައްކަތް ފެށި ނަމަވެސް ފުރަތަމަ ޕޭމެންޓަށްފަހު އިތުރު ފައިސާ ނުދެވޭތީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. 

"ބަޖެޓުކުރެވިފައި ހުރި އަދަދަކީ އެޑްވާންސް ދީގެން [މަޝްރޫއު] ފެށޭވަރުގެ އަދަދަކަށް ގިނަ ފަހަރުވަނީ. ސަރުކާރު ޕްރޮޖެކްޓެއްވީމާ ގިނަ ބޭފުޅުން ޓެންޑާކޮށްގެން ވިންކޮށްގެން މަސައްކަތް ފައްޓަވާނެ. އެހެންނަމަވެސް ވާ ގޮތަކީ ދެވަނަ ޕޭމެންޓަކަށް ދާއިރު އެ ޕޭމެންޓު ނުލިބޭ ގޮތްވުން.،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދައިން މަޝްރޫއުތައް މަޑުޖެހުމަށްފަހު ދެން އަލުން ފެށޭނީ ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ހިމެނުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.