ސަރުކާރުގެ ވިސްނުން ހުރީ ދީނީ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ހޭދއަށް ބޭނުންވާ މާލީ ފުދުންތެރިކަން އިތުރުވާނެ ގޮތްތަކެއް ހޯދުންކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަލަށް ދެ ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅުަގއިބރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑަައިގަތުމަށްފަހު މަސައްކަތްކުރައްވަނީ ދިވެހީންނަށް އެންމެ މަސްލަހަތާ ރައްކާތެރިކަން ހުރި ގޮތަށް ކަމުގައެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ އިސްލާމްދީނަށް ނަސްރު ދެއްވުން ކަމަށާއި، އެކަމަށްޓަކައި ގުރޫނުގެ އިލްމު ފެތުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ދިވެހި ދައުލަތް ހިންގަން ބޭނުންވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް. ދިވެހީންނަށް އެންމެ މަސްލަހަތާއި ރައްކާތެރިކަން ހުރި ގޮތަށް. އެ ގޮތުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު. އެ ކަމަށް ޓަކައި ކީރިތި ގުރްއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނަން،"ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ބޭނުންވާތީ އެކަމުގައި ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށެވެ. އެގޮތުން ވަގުފުގެ ދާއިރާ ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ރައީސް ރޭ ހާމަކުރެއްވި އެވެ.
މިހާރު މާލޭގައި ވަގުފު އިމާރާތަކަށް ހުރީ ދާރުލް އީމާނުގެ ނަމުގައި އަޅާފައި ހުރި ވަގުފު އިމާރާތް އެކަނިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އިމާރާތުން ކޮންމެ އަހަރަކު 6 މިލިއަނެއްހައި ރުފިޔާ ދައުލަތަށް ލިބޭ ކަމަށެވެ. އަަދި ސަރުކާރުގެ ވިސްނުން ހުރީ ދީނީ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ހޭދއަށް ބޭނުންވާ މާލީ ފުދުންތެރިކަން އިތުރުވާނެ ގޮތްތަކެއް ހޯދުންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން އިތުރު ދެ ވަގުފު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދާރުއްސަލާމްގެ ނަމުގައި އަޅާ އިމާރާތުގެ މަސައްކަަތް މިހާރު ދަނީ ކުރިއަށެވެ.
އަދި ދާރުލް އަރުގަމުގެ ނަމުގައި އެޅުމަށް ނިންމާފައިވާ އިމާރާތަށް ބޭނުންވާ ބިން ހަމަޖައްސައި އެބިމުގެ ރަޖީ އިސްލާމިކް މިނިސްޓްރީގެ ނަމަަށް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު އެ މިނިސްޓްރީން ކުރަމުންދާ ކަމަަށް ރައީސް ވިދާޅުވި އެވެ.