ހާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނައަށް ބޮޑުކުރާނަން: ރައީސް

"އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނަ އަށް ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 36 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ. އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަ އިރު ކީރިތި ގުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރު ކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑު ކުރެވޭނެ،"

މި ހުރިހާ ކަމަކާއެކު ކީރިތި ގުރްއާން އުނގަންނާ ދިނުމަށް، ގުރްއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތަކާ އެއް ގޮތަށް އެ ފުޅާ މިނުގައި ގުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ކީރިތި ގުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތް ކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ އިތުރަށް އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމު ކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކީރިތި ގުރްއާނަށް މިހާ ބޮޑު އިސްކަމެއް މި ދެނީ ކީއްވެތޯ. ޖަވާބު އަޅުގަނޑުމެން އެންމެން ވެސް ދަންނަމު އެހެން ނޫންތޯ. އެހެން ނަމަވެސް ދަންނަވާލާނަން. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މި ވަގުތު މިހިރަ އަހްލާގީ ހުރިހައި މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރްއާން. އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރިދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހައި މާނައެއްގައި ހުރިހައި ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި އަމަލުން ސީދާވާން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.