ގޯއްޗާއި ފުލެޓު ދިނުން ލަސްވެގެން އިހުތިޖާޖަށް ނިކުންނަނީ

މާލޭ ރަށްވެހިންގެ ހައްގުތަކަށް މަސައްކަތްކުރާ މާލޭ ރަށްވެހިންގެ ޖަމްއިއްޔާއިން މީސްމީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނި ގޮތުން މި އިހުތިޖާޖު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެވެ.

ހިޔާ ފުލެޓު ދިނުން ލަސްވެގެން މިހާރުގެ ސަރުކާރުގެ ވެރިން ކުރެއްވި މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީގެ ވެރިކަމުގައި ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރި ގޯއްޗާއި ފުލެޓު ލިބުން ލަސްވެގެން މާލޭ ސަރަހައްދުގައި މިއަދު އިހުުތިޖާޖު ކުރަން ނިންމައިފި އެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު ދުވަސްކޮޅުގައި އިއުލާނުކުރި ދެ ސްކީމުގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ނުހިއްކައި ހުރި ސަރަހައްދުތައްކަމަށްވާ ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅާއި ގުޅިފަޅުން ގިނަ އަދަދެއްގެ ގޯތި ދޫކުރި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޮވެންބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިއިން އެއްވެސް ތަނެެއް ހިއްކައި ނިމިފައި ނުވެ އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެތަންތަން ހިއްކައި ގޯތި ދޫކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށެވެ. 

ރައީސް އިބްރާހީމުގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފުލެޓު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އެއިން އެއްވެސް މަޝްރޫއެއް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމައިނުލެވެ އެވެ. 

އެ 4،000 ފުލެޓުގެ މަސައްކަތް ނުނިމެނީސް ފުލެޓު ދިނުމަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނުކޮށް ޝަރުތު ހަމަވާ 9،000 އަށްވުރެ ގިނަަ މީހުންނަށް ފުލެޓު ލިބޭނެކަން އިއުލާނުކުރި އެވެ. އަދި އެއިން 4،000 މީހުންނަށް އެއިރު އަޅަމުން އައި ފުލެޓުތައް ދިނުމަށް ނިންމައި އިއުލާނުކުރި އެވެ. 

ނަމަވެސް އެ ފުލެޓުތައް ދިނުމަށް ކަނޑައެޅި ލިސްޓުގައި މައްސަލަތަކެއް އުޅޭތީ އޭސީސީން އެ ފުލެޓުތައް ދޫކުރުން ހުއްޓުވައި، އެ ލިސްޓުގައި މައްސަލަ އުޅޭ ފަރާތްތައް ފާހަގަކޮށް ހައުސިން މިނިސްޓްރީއަށް ލިސްޓެއް ދިނެވެ.

ސަރުކާރުންވަނީ އޭސީސީން ފާހަގަކުރި މައްސަލަތައް ބެލުމަށްފަހު ފުލެޓު ހައްގުވެރިންނަކީ ކޮބައިކަން ކަނޑައެޅުމަށް ކޮމިޓީއެއް އެކުލަވައިލާފަ އެވެ. އެ ކޮމިޓީގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލުތަކެއް މިހާތަނަށް ސަރުކާރުން ހާމަނުކުރެ އެވެ. 

ފުލެޓާއި ގޯތި ލިބުން ލަސްވެގެން އިހުތިޖާޖުކުރަން ނިންމީ މާލޭ ރަށްވެހިންގެ ހައްގުތަކަށް މަސައްކަތްކުރާ މާލޭ ރަށްވެހިންގެ ޖަމްއިއްޔާއިންނެވެ. އެ ޖަމްއިއްޔާއިން މީސްމީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނި ގޮތުން މި އިހުތިޖާޖު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

އެ އިހުތިޖާޖު ބޭއްވުމަށް މާލޭ ރަށްވެހިންގެ ޖަމްއިއްޔާއިން ނިންމާފައިވަނީ އެ ރޭ 8:00 ގައި ލޮނުޒިޔާރަތް ޕާކު ސަރަހައްދުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.