ޝަރުތު ހަމަވާ މީހަކު ނެތް، މިފްކޯއަށް ސީއީއޯ ހޯދުމުގެ އިއުލާނު ބާތިލު

މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވުމުން ޕީސީބީން ބުނީ ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ މީހަކު ކުރިމަތިލާފައި ނުވާ ކަމަށާ އެހެން ކަމުން އިއުލާނު ބާތިލު ކުރާ ކަމަށެވެ.

މިފްކޯގެ ކާރުހާނާއެއްގެ އޮފީސް އިމާރާތް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށްފި އެވެ.

މިފްކޯއަށް ޗީފް އެކްޒެކެޓިވް އޮފިސަރެއް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޕީސީބީން ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުނަރުވެރި އަދި މަސައްކަތަށް އިސްކަންދޭ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނެވިކަމަށާއި އީޖާދީ އުފެއްދުންތެރިކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ކަމަށް ޕީސީބީން އިއުލާނުކުރީ ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީއެއް ނުވަތަ އެއާ އެއްވަރުގެ އެހެން ސަނަދެއް އޮތުމެވެ. އަދި ސަނަދުގެ އިތުރަށް މަސް ޕްރޮސެސްކުރުމާއި ބޭރުކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާ ގުޅުންހުރި ދާއިރާއެއްގައި މެނޭޖުމެންޓު ފެންވަރުގައި މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިފައިވުމަކީވެސް ޝަރުތެއްކަމަށް ކަނޑައަޅާފައިވެ އެވެ. ނުވަތަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަުވާމީ ބޮޑު ނުވަތަ މެދުފަންތީގެ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި އޮތްނަމަ އެ މަގާމަށް ޝަރުތު ހަމަވާނެކަމަށް ޕީސީބީން އިއުލާނުކޮށްފައިވެ އެވެ.

މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވުމުން ޕީސީބީން ބުނީ ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ މީހަކު ކުރިމަތިލާފައި ނުވާ ކަމަށާ އެހެން ކަމުން އިއުލާނު ބާތިލު ކުރާ ކަމަށެވެ. 

ކުުރިމަތިލީ މީހުންގެ އަދަދެއް ނުބުނެ އެވެ. ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ މީހަކު ކުރިމަތިލާފައި ނުވާ ކަމަށް ބުނެ އިއުލާނު ބާތިލު ކުރިއިރު މިފްކޯއާ އެމްޓީސީސީ ހިންގުމުގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވި މ. އާސްތާނާ އަހްމަދު އާތިފް ޝަކޫރާއި އެ ނޫން ވެސް ތަޖުރިބާކާރު ދެ ތީން ބޭފުޅަކު އެ މަގާމަށް ކުރިމަތި ލެއްވި އެވެ. އެ ތަފްސީލެއް ޕީސީބީން ނުދެ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ސީއީއޯން ހޯދުމަށް ޕީސީބީން ކުރިން އިއުލާނު ނުކުރެ އެވެ. އެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ޕީސީބީއަށް ނަން ފޮނުވުމުންނެވެ. "މިރާ"އަށް އެނގިފައިވާ ގޮތުގައި އިއުލާނުކޮށްގެން މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ނިންމެވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެގޮތަށް ނިންމެވީ މިފްކޯގެ މަސައްކަތުގެ ދާއިރާއިން އެންމެ ގާބިލު ބޭފުޅަކު އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވުމުގެ ބޭނުމުގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.