ކޮމިޓީއަށް ޑރ.ހައިދަރަށް ވަޑައިނުގެންނެވުމުން މެންބަރުންގެ ނުރުހުން

މިއަދު ޕެޓިޝަން ކޮމިޓީއަށް މިނިސްޓަރު ހައިދަރަށް ވަޑައިނުގެންނެވުމުން މެންބަރުންވަނީ ނުރުހުން ފާޅުކުރައްވައި އޭނާއަށް ފާޑުވިދާޅުވެފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި --

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ވަޑައިނުގެންނެވުމުން ކޮމިޓީގެ މެންބަރުން މިނިސްޓަރާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ. 

ކުރީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން އެއްވެސް ބަޔަކު އުނިނުކޮށް ފުލެޓު ދިނުމަށް ގޮވައިލާ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅިގެން މިނިސްޓަރު މިއަދު ކޮމިޓީއަށް ހާޒިރުކުރަން އޮތީ ނިންމާފަ އެވެ. ނަމަވެސް މިއަދު ކެބިނެޓު ބައްދަލުވުމެއް އޮތުމުން ކޮމިޓީއަށް ވަޑައިނުގެންނެވޭނެކަން މިނިސްޓަރު އެންގެވި އެވެ. 

ކުރިން ވަޑައިގަންނަވާ ގޮތަށް އޮތުމަށްފަހު މިއަދު ކެބިނެޓު ބައްދަލުވުމެއް އޮތުމުން މިނިސްޓަރަށް ކޮމިޓީއަށް ވަޑައިނުގެންނެވޭނެކަން އަންގަވާފައިވާކަމަށް ކޮމިޓީ ފައްޓަވަމުން މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވި އެވެ. އަދި އެއާއެކު ކޮމިޓީގެ މެންބަރުންވަނީ މިނިސްޓަރާމެދު ރުހިވަޑައިނުގެން ފާޑުވިދާޅުވެފަ އެވެ. 

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީ ފެށެން ކުޑަތަންވެފައިވަނިކޮށް ކުއްލި ގޮތަކަށް ވަޑައިގެންނެވެން ނެތް ވާހަކަ އެންގެވުމަކީ ކޮމިޓީގެ ގަދަރު ކުޑަކުރެއްވުމުގެ އަމަލެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑުމެން މިތިބީ މީގެ ދެ ދުވަސްކުރިން އެޖެންޑާ ލިބި ކޮމިޓީއަށް ހާޒިރުވެ. މިތިބީ ކޮމިޓީގައި. މިއީކީ ވަޒީރަށް ހާޒިރުނުވެވޭނެކަން އެނގެންވީ ވަގުތެއް ނޫން. މިއަށްވުރެ ފުރިހަމަކޮށް ޒިންމާދާރުކޮށް ހުންނަންވާނެކަމަށް އަޅުގަނޑު ދެކެން،" ޒިޔާދު ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުވެސް ވިދާޅުވީ މިއަދު ކޮމިޓީގައި ކުރިއަށްދާ މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި، އެންމެ ފަހު ވަގުތު ކޮމިޓީއަށް ވަޑައިނުގެންނެވޭނެ ވާހަކަ އެންގެވުމަކީ ގަބޫލުކުރައްވަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ މަސައްކަތް. އަޅުގަނޑުމެންގެ ވަގުތަށް އަދި މަސައްކަތަށް ދަތިނުވާނެހެން އަދި އެބޭފުޅުންގެ މަސައްކަތަށްވެސް ދަތިނުވާނެހެން ކަންކަން ބައްޓަން ކުރެވިފައި މިހުންނަނީ. އެހެންވީމާ ދުރާލާ އަޅުގަނޑުމެންނަށް މިނިސްޓްރީއަށް ސިޓީ ފޮނުވާފައި އަންގަވާފައިވާނީ. މިނިސްޓްރީންވެސް އަމަލުކުރަންވާނީ އުސޫލަށް،" ލަތީފު ވިދާޅުވި އެވެ. 

ޕީއެންސީގެ އަޣުލަބިއްޔަތު ކޮމިޓީގައި އޮތް ނަމަވެސް ރައްޔިތުންނާ ގުޅުން އޮތް ހައްސާސް މައްސަލައެއްގައި މިނިސްޓަރަށް އެފަދައިން އަމަލުކުރެއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ކޮމިޓީއަށް ހާޒިރުވުމަށް އެންގުމުން ވަޑައިނުގަތުމަށް ދެއްކެވޭނެ ބަހަނާއެއް އުޒުރެއް އޮންނާނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސަރުކާރު ކޯލިޝަންގައި ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ސަރުކާރުން ރަނގަޅު ނޫން ގޮތަކަށް ކުރާ ކަންކަން ދިފާއުނުކުރައްވާނެ ކަމަށް ވިދާޅުވެ ފާހަގަކުރެއްވީ މިއަދު ހައުސިން މިނިސްޓްރީން އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި މިނިސްޓްރީން ހާޒިރުނުވީތީ މާފަށް އެދެންޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒުވެސް ވިދާޅުވީ މިނިސްޓަރު އަމަލުކުރެއްވީ ރަނގަޅަށް ނޫން ކަމަށެވެ. ކުރިއާލައި ވަޑައިނުގެންނެވޭނެކަން އެންގެވޭނެ ކަމަށާއި، ވަޑައިނުގެންނެވޭނަމަ ވަޑައިނުގެންނެވޭ ސަބަބުވެސް ވިދާޅުވެދެއްވަންޖެހޭނެ ކަމަށެވެ. 

މެންބަރު ޒިޔާދު އިތުރަށް ފާހަގަކުރެއްވީ ކޮމިޓީއަށް ވަޒީރު ވަޑައިގަންނަވަންޖެހޭ ކަން ފަސް ދުވަހުގެ ކުރިން އަންގާފައިވާ ަކމަށެވެ. އަދި ކެބިނެޓު ބައްދަލުވުންތަކަކީ ކުއްލިއަކަށް ބާއްވާ ކަމެއް ނޫންކަމަށާއި ކެބިނެޓު އޮންނާނެކަން ކުރިއާލައި އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަން ކޮމިޓީއަށް އެންގެވޭނެ ކަމަށެވެ. 

އަދި ވަޒީރަށް ވަޑައިނުގެންނެވޭނަމަ ކޮމިޓީ ކުރިއަށްގެންދެވޭނެ އެހެން އިންތިޒާމެއް ވަޒީރަށް ހަމަޖެއްސެވޭނެ ކަމަށާއި، އެއީ ވަޒީރުގެ ޒިންމާއެއް ކަމުގައި ޒިޔާދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.