މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވޭނެކަން ގަވަރުނަރު އެންގެވުމުން ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވީ ކޮމިޓީއަށް ވަޑައިގަތުމުގެ އިތުރު ފުރުސަތެއް ގަވަރުނަރަށް އެރުވުމަށެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުވާލުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ދިން ތިންވަނަ ފުރުސަތުގައިވެސް އޭނާ ކޮމިޓީއަށް ވަޑައިނުގަތެވެ.
މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރަން ފުރަތަމަ ތާވަލުކުރި ދުވަހު ކޮމިޓީ ކެންސަލުވިއިރު އިއްޔެ އޮތް ކޮމިޓީ ބައްދަލުވުމަށް ވަޑައިނުގެންނެވުނީ އާލާސްކަަންފުޅާ އުޅުއްވާތީ އެވެ. މިއަދުވެސް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުންނެވެ.
ކޮމިޓީއަށް ވަޑައިނުގެންނެވި ނަމަވެސް އޭނާ މަގާމުން ވަކިކުރަން ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެންބަރު އަަހްމަދު ނާޒިމު އޭނާއަށް އަމާޒު ކުރެއްވި ތުހުމަތުތަކަށް ލިޔުމުން ޖަވާބު ދެއްވަައި ރިޕޯޓެއް އެ ކޮމިޓީއަށް ފޮނުއްވާފައިވެ އެވެ.
އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވޭނެކަން ގަވަރުނަރު އެންގެވުމުން ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވީ ކޮމިޓީއަށް ވަޑައިގަތުމުގެ އިތުރު ފުރުސަތެއް ގަވަރުނަރަށް އެރުވުމަށެވެ. އެގޮތުން މާދަމާ 11:00 އަށް ވަޑައިގަތުމަށް އެންގުމަށް އޭނާ ހުށަހެޅުއްވި އެވެ.
އަދި މާދަމާގެ ބައްދަލުވުމަށް ވަޑައިނުގެންފިނަމަ މިހާރު އެމްއެމްއޭއިން ހުށަހަޅާފައިވާ ރިޕޯޓަށް ބެލުމަށްފަހު ގަވަރުނަރު ވަކިކުރަން ލަފާދިނުމާމެދު ގޮތެއް ނިންމުމަށްވެސް ގާސިމް ހުށަހަޅުއްވާފައިވެ އެވެ.
ގަވަރުނަރު ވަކިކުރަން ލަފާ ދިނުމާމެދު ގޮތެއް ނިންމުން ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވައި ގާސިމް ހުށަހެޅުވީ މާދަމާ އެކަމުގައި ގޮތެއް ނިންމާށެވެ. އަދި ކޮމިޓީންވަނީ ގާސިމް އެދިވަޑައިގެންނެވި ގޮތަށް މާދަމާ 11:00 އަށް ގަވަރުނަރު ހާޒިރުކުރަން ދެންނެވުމަށް ފާސްކޮށްފަ އެވެ.
ނާޒިމު ގަވަރުނަރު ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅުއްވީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވަ އެވެ. އެގޮތުން ސަރުކާރަށް ބޭނުންވާ ލަފާ ނުދޭ ކަމަށާއި، އެމްއެމްއޭގައި ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާ އިތުރުކުރަން ބާރުއެޅުއްވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ލޯނު ދޫކުރަން ހުރި ފައިސާ މަދުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެ ތުހުމަތުތަކށް ލިޔުމުން ދެއްވި ޖަވާބުގައި ގަވަރުނަރުވަނީ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރީ ސަރުކާރަށާއި މި ސަރުކާރަށް އަރުވާފައިވާ ލަފައާއި ސަރުކާރާއެކު އެމްއެމްއޭއިން މިހާތަނަށް ކުރި މަސައްކަތްތައް ތަފުސީލުކޮށްދެއްވާފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު މަގާމުން ވަކިކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.