ފައްޔާޒު ވިދާޅުވީ ނަޝީދާއި އެމަނިކުފާނު އަލަށް އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، އަދި ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނެވި ބޭފުޅުންތަކެއް ކަމަށެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ގައުމު ހަމަ މަގަށް އެޅުވުމުގައި ރައީސް މުހައްމަދު ނަޝީދަކީ މުހިއްމު ބޭފުޅެއްކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށްފަހު އެއިރު އެމްޑީޕީގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ގޯސްވެގެން އެމަނިކުފާނު އެ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އުފެއްދެވި އެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ މުއައްސިސެކެެވެ. އަދި އެ ޕާޓީގެ ފަރާތުން ގިނަ ޕާޓީ ބައިވެރިވި ފުރަތަަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ފުރަތަމަ ފަހަރަށް ހޯދައިދެއްވީ ނަޝީދެވެ.
ނަޝީދު އެމްޑީޕީ ދޫކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީ ދޫކުރެއްވުމަކީ ހިޔާލަށް ކުރިން ގެނެވިފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ފައްޔާޒު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީއަކީ ނަޝީދުގެ ގޮތުގައި ދެކެވެމުން އައި ކަމަށާއި، އެމަނިކުފާނަކީ އަނިޔާވެރި ވެރިކަމެއް ބަދަލުކުރެއްވި ލީޑަރެއް ކަމަށެވެ.
އިތުރަށް ފައްޔާޒު ވިދާޅުވީ ނަޝީދާއި އެމަނިކުފާނު އަލަށް އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، އަދި ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނެވި ބޭފުޅުންތަކެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަކީ އަބަދުވެސް އެ ބޭފުޅަކަށް އޭނާ ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާ ގާތް ބޭފުޅެކެވެ. އަދި މިހާރުވެސް އެމަނިކުފާނާމެދު އެއްވެސް ރުޅިވެރިކަމެއް ނަފުރަތެއް ނެތްކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ގައުމުގެ ހާލަތާމެދު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެދުގައި ނުރަސްމީ ގޮތުން ވާހަކަދެކެވުނު ނަމަވެސް އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި މަޝްވަރާތަކެއް ކުރެވިފައި ނެތްކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޑިމޮކްރެޓިކް އުސޫލުތައް ނަގަހައްޓައި މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ެކުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް އުންމީދުކުރައްވާ އެދިވަޑައިގަންނަވާ ކަމެއް ކަމުަގއި އޭނަ ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ކުރިން ފައްޔާޒަށް ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުހުމަތުތައް އަމާޒު ކުރެއްވި އެވެ. އަދި ޕާޓީ ހަލާކުކޮށް ދެފަޅި ކުރެއްވީ ކުރީގެ ރައީސް ސޯލިހާއި ފައްޔާޒު ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.