އެމްއެމްއޭގެ މަސައްކަތް | އިންޑިއާއާ ޗައިނާ ފައިސާއިން ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

އެމްއެމްއޭއިން ހުށަހެޅި ރިޕޯޓުގައި އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ ބައެއް މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް، ފޮޓޯ: އަވަސް

އިންޑިޔާއާއި ޗައިނާއާއެކު އެ ގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މަރުކަޒީ ބޭންކު އެމްއެމްއޭއިން ފަށާފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ. 

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީއަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމު ހުށަަހެޅުއްވި މައްސަލާގައި ގަވަރުނަރަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ކޮމިޓީއަށް އެމްއެމްއޭއިން ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. 

ނާޒިމުގެ އެއް ތުހުމަތަކީ ސަރުކާރު ބަދަލުވުމަށްފަހު ފާއިތުވި ހަތް މަސްދުވަހު ސަރުކާރަށް މާލީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު މަރުކަޒީ ބޭންކުން ދެމުންނުދާ ކަމުގެ ޝަކުވާ އެވެ. 

އެމްއެމްއޭއިން ހުށަހެޅި ރިޕޯޓުގައި އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ ބައެއް މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަކޮށް ބޭރު ފައިސާގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކުރަންޖެހޭ މިންވަރު މަދު ކުރުމަށް އެ އިދާރާއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ހިއްސާކޮށްފައިވެ އެވެ. 

ޑޮލަރަށް ބޭނުންޖެހޭ މިންވަރު މަދުކޮށް ދައުލަތުގެ ރިޒާވްއިން ހޭދަކުރާ މިންވަރު މަދުކުރުމަށްޓަކައި، ދިވެހިރާއްޖެއާއި އިންޑިއާ އަދި ޗައިނާގެ މެދުގައި އެ ގައުމުތަކުގެ ފައިސާއިން މާލީ އަދި ވިޔަފާރީގެ މުއާމާލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން މަރުކަޒީ ބޭންކުން ފާހަގަކުރި އެވެ. 

އެގޮތުން އެކަމާ ގުޅޭ ޕޮލިސީ ނޯޓެއް ތއްޔާރުކޮށް އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާ ހިއްސާކުރުމަށް އިންޑިއާ ހައިކޮމިޝަނަށް ދީފައިވާ ކަމަށާއި، އެ ޕޮލިސީ ނޯޓު އިކޮނޮމިކް މިނިސްޓްރީއާ ޖުލައި މަހު ހިއްސާކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. 

އަދި ޗައިނާއާއެކު އެފަދަ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން އެފަދަ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތަކުގެ ތަފުސީލުތައް ހިމެނޭ ޕޮލިސީ ނޯޓެއް ތައްޔާރުކޮށް އިކޮނޮމިކް މިނިސްޓްރީއާ މާޗު މަހުގައި ހިއްސާކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. 

ބޭރު ފައިސާއަށް އޮތް ޑިމާންޑު ކުޑަކުރުމުގެ ގޮތުން ބޭރު ފައިސާގެ ބާޒާރަށް ގެންނަން ބޭނުންވާ އިސްލާހުތައް މުރާޖައާކޮށް 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އެކަމާމެދު އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރިކަން ފާހަގަކުރުމާއެކު ގެންނަން ހުށަހަޅާ ބައެއް އިސްލާހުތައް އެމްއެމްއޭއިން ހިއްސާކުރި އެވެ. 

އެމްއެމްއޭއިން ގެންނަން އެދޭ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކޮށް (ޑީޑޮލަރައިޒްކޮށް) އަދި ބޭންކިންގ ނިޒާމަށް މާރުވާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، އެއިރެއްގައި ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓުގައި އިޤްތިޞާދީ އެކި ބޭނުންތަކަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރުމަށް ހުށަހަޅާ އިސްލާހުތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.