ފައިސާ ޗާޕުކުރުން | ދައުރުވާ ފައިސާ އިތުރު، ރުފިޔާގެ އަގު ހިފަހައްޓަން އުދަގޫ

ބޭންކިން ނިޒާމުގެ ތެރޭގައި ބޭންކުތަކަަށް ވަގުތުން ބޭނުންވާ ފައިސާގެ އިތުރަށް ހުރި ފައިސާ/ ސާޕްލަސް ލިކުއިޑިޓީ 2019 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާގައި ހުރިއިރު ޗާޕުކުރުމުން 7.4 ބިލިއަނަށް އެ އަދަދު އިތުރުވެފައިވެ އެވެ.

ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ގަވަރުނަރު އަލީ ހާޝިމް -- ޕީއެސްއެމް

ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރުން އިގުތިސާދުގައި ދައުރުކުރާ ދިވެހި ރުފިޔާ އިތުރުވުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުކުރާ ފައިސާގެ އަދަދު އިތުރުވުމާ ގުޅިގެން ރުފިޔާގެ އަގު ހިފަހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެމްއެމްއޭއިން ބުނެފި އެވެ. 

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އެ ކޮމިޓީގެ ތުހުމަތުތަކަށް ޖަވާބުދެއްވައި ގަވަރުނަރު ފޮނުއްވި ރިޕޯޓެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ޗާޕުކުރުމުގެ ގޮތުން 10.28 ރުފިޔާއާއި 15.42 ރުފިޔާގެ ދެމެދުގައި ދިވެހި ރުފިޔާގެ އަގު ހިފަހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އެމްއެމްއޭގެ މައިގަނޑު އެއް މަސައްކަތަކީ ބާޒާރުގެ އަގުތައް އެއް ހަމައެއްގައި ހިފަހެއްޓުންކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ ތަކެތީގެ އަގު ވަރަށް ބޮޑަށް ބިނާވަނީ މަނިޓަރީ ސިޔާސަތަށް ކަމަށެވެ. ރުފިޔާގެ އަގު މެނޭޖުރކުުމަށް 

ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އޮޕަރޭޝަންސް ހިންގުމުގެ އިތުރުން، ބޭންކިންގ ނިޒާމުގައި ދައުރުވާ ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ޤަވައިދުން މޮނިޓަރކޮށް މެނޭޖްކުރުމުގެ މަސައްކަތް އެމްއެމްއޭއިން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނީ ބޭންކިން ނިޒާމުގެ ތެރޭގައި ބޭންކުތަކަަށް ވަގުތުން ބޭނުންވާ ފައިސާގެ އިތުރަށް ހުރި ފައިސާ/ ސާޕްލަސް ލިކުއިޑިޓީ 2019 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާގައި ހުރިއިރު ޗާޕުކުރުމުން  7.4 ބިލިއަނަށް އެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެއީ 184 އިންސައްތައިގެ އިތުރުވުމެއް ކަމުގައި އެ އިދާރާއިން ފާހަގަކުރި އެވެ. 

ސާޕްލަސް ލިކުއިޑިޓީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެމްއެމްއޭއިން ގެންގުޅެން މަޖުބޫރުވެފައިވަނީ ހިފަަހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއް ނުވަތަ ރިސްޓްރިކްޓެޑް ސިޔާސަތެއް ކަމުގައި ފާހަގަކޮށް އެ އިދާރާއިން ބުނީ ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއްގެ ދަށުން ބޭންކިންގ ނިޒާމުގައި އިތުރުވެފައިވާ ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ނެގުމަށް (މޮޕް-އަޕް ކުރުމަށް) މިއޮތޯރިޓީއިން ބޭނުންކުރެވޭނެ އިންސްޓްރޫމަންޓްތަކަކީ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) އާއި، އެމްއެމްއޭގެ ސްޓޭންޑިންގ ފެސިލިޓީޒްކަމުގައިވާ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީއާއި އޯވަނައިޓް ލޮމްބާޑް ފެސިލިޓީ، އަދި މިނިމަމް ރިޒާރވް ރިކުއަޔަމަންޓް (އެމްއާރުއާރު) ކަމަށެވެ. 

އިގުތިސާދީ ހާލަތު ދަށްވުމުން އެމްއާރުއާރު 7.5 އިންސައްތައަށް ދަށްކުރުމަށްފަހު ހާލަތު ރަނގަޅުވުމުން 2021 ވަނަ އަހަރު އަނބުރާ 10 އިންސައްތައަށް މަތިކުރިކަމަށާއި، ނަމަވެސް އެއަށްވުރެ ބޮޑަށް އެމްއާރުއާރު މަތިކުރުމަށް ނިންމި ނަމަވެސް ސަރުކާރުގެ ކޭޝްފްލޯއަށް ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ ފިނޭންސްއިން އެކަމާ ދެކޮޅުހެދުމުން އެމްއާރުއާރު ބޮޑުކުރުން މުއްދަތެއް ނެތި މަޑުޖައްސާފައިވާ ކަމަށެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އިދާރާއިން ނިންމި ގޮތަށް އެމްއާރުއާރު 12.5 އިންސައްތައަށް މަދުކޮށްފިނަމަ ލިކުއިޑިޓީން އުނިވާނީ 747 މިލިއަން ރުފިޔާ އެވެ. އެ މިންވަރު އުނިވުމަކީ ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރާ މިންވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫންކަމަށް ފާހަގަކުރި އެވެ.

އަދި ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރި އެވެ. އެގޮތުން 2019 ވަނަ އަހަރު ލޯނުތަކުގެ އަދަދު ހުރީ 24.5 ބިލިއަން ރުފިޔާގަ އެވެ. 2023 ގައި އެ އަދަދު 31.7 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. 

ގަވަރުނަރު ވަކިކުރަން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް މުހައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލާގައި ކުރެއްވި އެއް ތުހުމަތަކީ އެމްއެމްއޭއިން އެމްއާރުއާރު މަތިކުރުމުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭ މިންވަރު މަދުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.