އެމްއެމްއޭއިން އިސްނަގައިގެން މި ސަރުކާރަށް ލަފައެއް ނުދޭ: ޝަފީގު

ފާއިތުވި ދިގު ތާރީހުގައި ސަރުކާރުގެ ހަރަދުބަރުގެ ސިޔާސަތު (ފިސްކަލް ޕޮލިސީ)އާއި މަރުކަޒީ ބޭންކުގެ ފައިސާގެ ސިޔާސަތު (މަނިޓަރީ ޕޮލިސީ) އެއްގޮތްކޮށް އެލައިން ކުރުމަށް އެމްއެމްއޭއިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށްވެސް ވިދާޅުވި އެވެ.

ފިނޭންސް މިިނިސްޓަރު ޑރ. މުހައްމަދު ޝަފީގް

މާލީ ކަންކަމުގައި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަމިއްލައަށް އިސްނަގައިގެން މި ސަރުކާރަށް މިހާތަނަށް އެއްވެސް ލަފައެއް ދީފައި ނެތްކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ. 

ޝަފީގު މިފަދައިން ވިދާޅުވީ ސަރުކާރަށް ބޭނުންވާ ލަފައާއި އިރުޝާދު އެމްއެމްއޭއިން ފޯރުކޮށްދެމުން ނުދާކަމަށް ވިދާޅުވެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މުހައްމަދު ނާޒިމު ހުށަހެޅުއްވި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރަން މާލިއްޔަތު ކޮމިޓީން އެދުމުން ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގަ އެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވީ ވެރިކަން ބަދަލުވި ފަހުން އަމިއްލަ އިސްނެގުމަށް އެމްއެމްއޭއިން ސަރުކާރަށް އެއްވެސް ލަފައެއް ދީފައި ނެތް ނަމަވެސް ސިޔާސަތު އެކަށެއެޅުމުގެ ފެންވަރުގައި އެމްއެމްއޭއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. 

އެގޮތުން އެމްއެމްއޭއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބޭރު ފައިސާގެ އެކްސްޗޭންޖު ބާޒާރު ރެގިއުލޭޓު ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެމްއެމްއޭ ކިބައިން އެދިވަޑައިގެންނެވި ކަމުގައި ޝަފީގު ސިޓީގައި ފާހަގަކުރެއްވި އެވެ. 

އަދި ބޭރު ފައިސާގެ ބާޒާރު ރެގިއުލޭޓު ކުރުމުގެ މަސައްކަތް ހަރުދަނާކުރުމާ ގުޅޭ ގޮތުން އެމްއެމްއޭގެ އިސްނެގުމަށް ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކުގެ މެދުގައި ބައްދަލުވުންތަކެއް ބާއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ފާއިތުވި ދިގު ތާރީހުގައި ސަރުކާރުގެ ހަރަދުބަރުގެ ސިޔާސަތު (ފިސްކަލް ޕޮލިސީ)އާއި މަރުކަޒީ ބޭންކުގެ ފައިސާގެ ސިޔާސަތު (މަނިޓަރީ ޕޮލިސީ) އެއްގޮތްކޮށް އެލައިން ކުރުމަށް އެމްއެމްއޭއިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޝަފީގު އިތުރަށް ވިދާޅުވީ އަދި އެމްއެމްއޭއިން ބަލަހައްޓާ މިނިމަމް ރިޒާވް ރިކުއާމެންޓު ނުވަތަ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ފައިސާގެ އެންމެ މަދު އަދަދު ބޮޑުކުރުމުގެ ސަބަބުން ވިޔަފާރި ބޭންކުތަކާއކު މާލީ މުއާމަލާތްތައް ހިންގުމަށް ދިމާވި ގޮންޖެހުންތަކަށް މިހާރު ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ. 

ގަވަރުނަރުގެ ޖަވާބު ލަފާދިނިން، ސަރުކާރުތަކުން އަޑުނޭހީ

ގަވަރުނަރު ވަކިކުރަން ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި މެންބަރު ނާޒިމް ފާހަގަކުރެއްވި އެއް ސަބަބަކީ މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރަށް ބޭނުންވާ ލަފައާއި އިރުޝާދު މަރުކަޒީ ބޭންކުން ނުލިބުމެވެ. އެ ތުހުމަތަށް އިންކާރު ކުރައްވައި ގަވަރުނަރު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަރުކާރުތަކަށް އެމްއެމްއޭއިން ލަފާ ދެމުން އައި ކަމަށެވެ. 

އެ ސިޓީފުޅުގައި ގަވަރުނަރު ވިދާޅުވެފައިވަނީ އެމްއެމްއޭއާ މަތިކޮށްފަައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެ އިރުޝާދުތަކަށް ސަރުކާރުތަކުން އިޖާބުނުދިން ކަމަށެވެ.

އެގޮތުން ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރަށް އެއިރު ދެއްވި އިރުޝާދުތައް މާލިއްޔަތު ކޮމިޓީއާ ކުރިން ހިއްސާ ކުރެއްވިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މާލީ ކާރިސާއެއްގެ ބިރު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭއާއި ބައިނަަލްއަގުވާމީ މާލީ އިދާރާތަކުން ދެމުން އައި އިރުޝާދަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ނުދިނުންކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އަދި ހަރަދުކުރުމާއި އާމްދަނީ ހޯދުމުގައި ހިފަހައްޓަން އެމްއެމްއޭއާއި މާލީ އިދާރާތަކުން ދިން ލަފައާ އެއްގޮތަށް ސަރުކާރުތަކުން އަމަލުނުކުރުމަކީ މާލީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އުފެދުމުގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.