މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުއްޔަށް ބިން ނެގުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެ ތަރުތީބުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ކ.ތިލަފުށިން ސިނާއީ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރަން ހުޅުވައިލުމުން ގިނަ ބަޔަކު ބިން ނެގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ބިން ދޫކޮށް ނިންމައި ބާކީ ބިންތަކެއް ހުރިނަމަ އިތުރަށް ބިން ދޫކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ،.
ތިލަފުށިން ސިނާއީ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރަން އެޗްޑީސީން ނިންމައި އިއުލާނުކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއިރު އެ ކުންފުނިން އިއުލާނުކުރީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުއްޔަށް ބިން ނަގަން ޝައުގުވެރިވާ ފަރާތްތަކުން އެކަން އެންގުމަށް ފުރުސަތު ހުޅުވައިލާ ކަމަށެވެ.
މިއަދު ނެރުނު އިއުލާނެއްގައި އެޗްޑީސީން ބުނެފައިވަނީ ސިނާއީ ބޭނުންތަކަށް ބިން ދޫކުރުމަށް އެ ކުންފުނިން ހުޅުވައިލުމުން ބިން ކުއްޔަށް ނެގުމަށް އެދި ގިނަ ފަރާތްތަކަކުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އަދި އެ ކުންފުނިން ބިން ދޫކުރަން ނިންމާފައިވަނީ ސިޓީ ހުށަހަޅާފައިވާ ތަރުތީބަށް ބަލައިގެން އެ ކުންފުނިން އެކުލަވައިލާފައިވާ އުސޫލުތަކާއި ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުއްޔަށް ބިން ނެގުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެ ތަރުތީބުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު ކުއްޔަށް ބިން ނަގަން އެދި ސިޓީ ފޮނުވާފައިވާ ފަރާތްތަކަށް ބިން ދޫކޮށް ނިމުމުން ތިލަފުށީގައި އިތުރު ހުސްބިންތަކެއް ހުރިނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ދިނުމަށް އެދި ހުޅުވައިލާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ.