މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެނަކައިން ރައްޔިތުންނަށް ނުދީ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ ފާއިތުވި 7 މަހެއްހައި ދުވަސްތެރޭގައި ދޫކޮށް ނިންމާފައިވާ ކަމަށް މުއާޒު ވިދާޅުވި
ފެނަކައިން އާންމު ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުއާޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންސީ ހައުސްގައި ބޭއްވި ޖަލްސާގައި ފެނަކައިގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ. ފެނަކައާ ހަވާލުވެ ވަޑައިގެންނެވިއިރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތްކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އެ ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާއަކީ އާންމު ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކަމަށެވެ.
"އަޅުގަނޑުމެން ދައްކަންޖެހޭ ހަމައެކަނި 1.7 ބިލިއަން ރުފިޔާ އޮތް ހަމައެކަނި އާންމު ރައްޔިތުންނަށް. މާނައަކީ ކުންފުނިތަކާއި އާންމުކޮށް މަސައްކަތްކުރާ ފަރާތްތަކަށް،" މުއާޒު ވިދާޅުވި އެވެ.
ފާއިތުވި ދައުރުގައި ފެނަކައިން ހަވާލުކުރި ތަފާތު މަޝްރޫއުތަކާ ހަވާލުވި ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބުމުގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެ ކުންފުނިން ފައިސާ ލިބެންޖެހޭ ގިނަ ވިޔަފާރިތަކަކަށް ފައިސާ ނުލިބުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.
ފާއިތުވި ދައުރުގައި އެއިން ބައެއް ވިޔަފާރިތައްވަނީ އިހުތިޖާޖަށްވެސް ނުކުމެފަ އެވެ. އަދި އެ ވިޔަފާރިތަކަށް ފައިސާ ދިނުމަށް ކަމުގައި ބުނެ ފެނަކައިން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށް ލޯނެއްވެސް ނެގި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ބަހަނާ ދައްކާ ބައެއް ނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތީ މިހާރު ގައުމު އޮތް ހާލަތުން ގައުމު ނަންގަވައި ކޮޅަށްޖެއްސެވުމަށް ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތަކީ މިއަދު ގައުމު އޮތް ހާލަތަށް ވެއްޓުނު ގޮތް ބުނެދިނުމާއެކު އެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެނަކައިން ރައްޔިތުންނަށް ނުދީ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ ފާއިތުވި 7 މަހެއްހައި ދުވަސްތެރޭގައި ދޫކޮށް ނިންމާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
" މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިހާރު ދިވެހި ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދީ ހަލާސްކޮށްފިން،" މުއާޒު ވިދާޅުވި އެވެ.
އަދި ފެނަކައިން އެ ފައިސާ ރައްޔިތުންނަށް ދޫކުރީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކާއި ކުންފުންޏަށް ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދައްކަމުންކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ މި ފައިސާގެ ބޮޑު ބަޔަކީ ކުދި ވިޔަފާރިތަކަށް ދައްކަަންޖެހި ނުދީ ހުރި ފައިސާ ކަމަށެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި ކުންފުންޏާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު ނާލު ބޯޓު ފަހަރަށް ފެނަަކައިން ދައްކަންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެ ބޯޓު ފަހަރަށް އެ ކުންފުނީގެ މުދާ ބަރާކުރަން ދެކޮޅު ހަދަމުން އައި ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ބޯޓުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.