ދެ ސަރަހައްދެއް ނޫނީ ހިއްކި އެއްވެސް ބިމެއްގައި އަސާސީ ހިދުމަތް ގާއިމުނުކުރެވޭ

ހިއްކާފައި ހުރި ބިންތަކުގެ މައްސަލައަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވި މައްސަލައެކެވެ.

ކ.މާފުށީގައި އެމްޑީޕީ ސަރުކާރުން ހިއްކި ބިން

ސަރުކާރުން ހިއްކާފައިވާ ބިންތަކުގެ ތެރެއިން ދެ ސަރަހައްދެއް ނޫނީ އެހެން އެއްވެސް ސަރަހައްދެއްގައި އަސާސީ ހިދުމަތްތައް ގާއިމު ކުރެވިފައި ނެތްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2010 ވަނަ އަހަރުގެ ފަހުން ބިން ހިއްކާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ހއ.ދިއްދޫގައި ހިއްކާފައިވާ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ނުވާ ކަމަށެވެ. 

"ޖުމްލަ ގޮތެއްގައި 2010 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ހިއްކާފައި ހުރި ބިންތަކެއްގައި، ހުޅުމާލޭ ފޭސް ދޭއް ފިޔަވައި ދެން ހއ.ދިއްދޫގަ ފިޔަވައި ބިން ހިއްކާފައިވާ އެހެން އެއްވެސް ރަށެއްގަައި ފެނާއި ނަރުދަމާގެ މަޝްރޫއު އަޅުގަނޑުމެންނަށް ކުރިއަށް ގެންގޮސްފައި ނެތޭ،" މުއްތަލިބު ވިދާޅުވި އެވެ.  

މިނިސްޓަރު ވިދާޅުވީ ބިން ހިއްކާފައި ހުރި ތަންތަނުގައި ފެނާއި ނަރުދަމާގެ އިތުރަށް މަގުހެދުމުގެ މަސައްކަތް ކުރިން ކުރެވިފައި ނެތުމުން އެ ތަންތަނުގައި އެ މަސައްކަތްތައް ހިންގުމަށް ދައުލަތުން މިހާރު ބޮޑު ހަރަދެއް ކުރަންޖެހިފައިވާ ކަމަށެވެ. 

މުއްތަލިބު ވިދާޅުވީ ހިއްކާފައި ހުރި ހުރިހާ ބިމެއްގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ޕްލޭނެއް ސަރުކާރުން އެކުލަވައިލަމުންދާ ކަމަށެވެ. އެ ބިންތައް ބޭނުންކުރެވޭނީ އެ ބިންތަކުގައި އެކަށީގެންވާ ހިދުމަތްތައް ގާއިމު ކުރެވިގެންކަން ފާހަގަަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"[ހިއްކާފައި ހުރި] އެ ބިންތައް ރައްޔިތުންނަށް ބޭނުންކުރެވޭނީ އަސާސީ ވަސީލަތްތައް ގާއިމުކުރެވިގެން. އެ މަސައްކަތް ސަރުކާރުން ޕްލޭނުކޮށްގެން ކުރިއަށްގެންދާ ވާހަކަ ދަންނަވައިލަން،" މިނިސްޓަރު ވިދާޅުވި އެވެ. 

ހިއްކާފައި ހުރި ބިންތަކުގެ މައްސަލައަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވި މައްސަލައެކެވެ. ހިއްކާފައި ހުރި ބިންތަކުގެ ތެރެއިން އަސާސީ ހިދުމަތްތައް ގާއިމު ނުކުރެވި ހުރި ބިންތަކުގައި ހިދުމަތް ގާއިމުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.