ޖަޕާނު ސަފީރު މިއަދު ވިދާޅުވީ ހަދިޔާ ކުރި އުޅަނދުތަކުގެ އިތުރުން ކުރިއަށް އޮތްތާނގައި ޖަޕާނުން ދިވެހި ފުލުހުންނަށް ވަސީލަތް ފޯރުކޮށްދޭނެ ކަމަށެވެ.
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ހަދިޔާ ކުރި އެއްގަމު އުޅަނދުތަކާއެކު މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމުގެ މަސައްކަތް ފުޅާވާނެ ކަމަށް ފުލުސް ކޮމިޝަނާ އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޖަޕާނު ސަރުކާރުން އެއްގަމު އުޅަނދު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ވިދާޅުވީ ކުށްކުރުން އިތުރުވަމުން ދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރެވޭނީ ރަނގަޅު ވަސީލަތް ގާއިމްކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އުޅަނދުތަކާއެކު އެކަމަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
"އޮޕަރޭޝަންތައް ހިންގުމަށް ފުލުހުންގެ ގާބިލްކަން އިތުރުކުރުން މުހިންމު... ރަނގަޅު ވަސީލަތްތައް ފޯރުކޮށްދެވުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް އިތުބަރާއި ޔަގީންކަން ލިބިގެންދާނެ." ކޮމިޝަނާ ވިދާޅުވިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިޔާތުގައި ޖަޕާނު ސަފީރު މިއަދު ވިދާޅުވީ ހަދިޔާ ކުރި އުޅަނދުތަކުގެ އިތުރުން ކުރިއަށް އޮތްތާނގައި ޖަޕާނުން ދިވެހި ފުލުހުންނަށް ވަސީލަތް ފޯރުކޮށް ދޭނެ ކަމަށެވެ.
މިއަދު ހަދިޔާ ކުރި ތަކެތީގެ އަގު ހަތަރު މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.
ކުރިންވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާ ކޮށްފައި ވެއެވެ. އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެ އެވެ.