މި ހަމަލާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަނިޔާވެރި އަމަލުތަކަށް ސިޔާސީ ކަންކަމުގައި އެއްވެސް ޖާގައެއް އޮވެގެންނުވާނެ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު ޑޮނާލްޑް ޓުރަމްޕަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ރައީސް ޓްރަމްޕަށް އެ ހަމަލާ ދިނީ އެ މަނިކުފާނުގެ ޕެންސެލްވޭނިއާ ކެމްޕޭން އިވެންޓްގެ ސްޓޭޖް މައްޗަށް އަރާ ވަޑައިގެން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަން ހުންނަވަނިކޮށެވެ.
Violence has no place in politics, and I strongly condemn all forms of violence everywhere. Our thoughts and best wishes are with former President @realDonaldTrump, his family, and others injured during the attack.
— Dr Mohamed Muizzu (@MMuizzu) July 14, 2024
މި ހަމަލާގައި އެ މަނިކުފާނުގެ ކަނާތު ކަންފަތްޕުޅު ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ. އާންމުވެފައިވާ ވީޑީއޯތަކުން ފެންނަ ގޮތުން އެ މަނިކުފާނުގެ ކަންފަތްޕުޅުން ވަރަށް ބޮޑަށް ލޭ އޮހޮރެ އެވެ. ރައީސް ޓްރަމްޕަށް ހަމަލާ ދިނުމާ ގުޅިގެން އޭނާގެ ބޮޑީގާޑުންނާއި ސީކްރެޓް ސާވިސްގެ މެންބަރުން ވަގުތުން ސްޓޭޖަށް އަރައި، ޓްރަމްޕް ވަށާލައި ރައްކާތެރި ހިސާބަކަށް ގެންދިޔަ އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ސްޕޯޓަރުންނާ މުހާތަބު ކުރައްވާފަ އެވެ.
ރައީސް ޓްރަމްޕަށް ހަމަލާ ދިނީ ކެމްޕޭން ރެލީގެ ތެރޭގައި ހުރި މީހެކެވެ. އެ ހަމަލާގެ ތެރޭގައި ބަޑިން އެ ހަމަލާ ދިން މީހާ އާއި ރެލީއަށް ދިޔަ އެހެން މީހަކު ވެސް މަރުވެފައި ވެއެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ސެކިިއުރި އޮފިޝަލަކު މަރުވި އިރު ބައެއް މީހުން ޒަހަމްވެފައި ވެއެވެ.
މި ހަމަލާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަނިޔާވެރި އަމަލުތަކަށް ސިޔާސީ ކަންކަމުގައި އެއްވެސް ޖާގައެއް އޮވެގެންނުވާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ހުރިހާ ހިސާބެއްގައި ހިންގާ އެންމެހައި ބާވަތްތަކުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާ ކަމަށެވެ.
އަދި ދިވެހިންގެ ހެޔޮ ދުއާއާއި އެދުންތައްވަނީ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާއާއި މި ހަމަލާގައި ޒަހަމްވި އިތުރު ފަރާތްތަކާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.