މިހާތަނަށް 22 ރަށެއްގަައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެ ރަށްރަށުގައި ކުރިއަށްދަނީ އެ ވަސީލަތްތައް ޓެސްޓު ކުރުމުގެ މަސައްކަތް ކަމަށެވެ.
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ރަށްރަށުގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށަށް ބޭނުންވާ ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިން ފޯރުކޮށްދެވިފައި ނެތްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލަ ހުރިހާ ރަށެއްގައި ހައްލު ކުރެއްވުމަށް ވައުދުވެ ވަޑައިގެންފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް 51 ރަށެއްގައި އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
އަދި މިހާތަނަށް 22 ރަށެއްގަައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެ ރަށްރަށުގައި ކުރިއަށްދަނީ އެ ވަސީލަތްތައް ޓެސްޓު ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރަށް ކުނި އެއްކޮށް އެތަކެތި މެނޭޖުކުރާ ފެސިލިޓީތަކާ ހަމައަށް ގެންދިއުމަށް ބޭނުންވާ އުޅަނދުފަހަރު ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް ކުނި ނެގުމާއި އުފުލުމުގައި ބޭނުންކުރާނެ އުޅަނދުތައް 76 ރަށަކަަށް ފޯރުކޮށްދެވިފައިވާ ކަަމުގައި އޭނާ ވިދާޅުވި އެވެ.