މިހާރު ސީ ޕްލޭނުތައް ދަތުރުކުރަނީ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިންކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ މިހާރު އެމްއޭސީއެލުން މަސައްކަތްކުރަނީ އަލިކޮށްފައިވާ ވޯޓާ ރަންވޭއެއް ގާއިމުކުރުމަށް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައްތި ޖަހައި އަލިކޮށްފައިވާ ވޯޓާ ރަންވޭއެއް ގާއިމުކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ނިންމާފައިވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
އަލިކޮށްފައިވާ ވޯޓާ ރަންވޭއެއް ގާއިމުކުރަން އެމްއޭސީއެލުން ނިންމިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހީމް ޝަރީފު މުހައްމަދެވެ.
އެއާ ސާވިސް ވޯލްޑް ކޮންގުރެސްގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ސީޕްލޭން ދަތުރުފަތުރުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު އޮޕަރޭޝަން ހިންގަަމުންދާ ގައުމު ކަމަށެވެ. އަދި އެންމެ ގިނައިން ސީޕްލޭން ދަތުރުކުރާ ދުވަސްވަރު ކޮންމެ މިނިޓަކުން ފުލައިޓެއް ވީއައިއޭއިން އޮޕަަރޭޓުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮންމެ ގަޑިއިރަކު 60 ސީޕްލޭން ވީއައިއޭއިން އޮޕަރޭޓުކުރާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ މިހާރު އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއިން ދަތުރުކުރާ ސީޕްލޭނުގެ އަދަދު ގަޑިއިރަކަށް 84 ސީޕްލޭނަށް އިތުރުކުރުން ކަމަށެވެ.
އެމްއޭސީއެލުން ސީޕްލޭން އެއާ ޓެކްސީ ސިނާއަތާއެކު ކައިރިން މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ މި އަހަރުގެ ފިނި މޫސުމުގެ ބަންދާ ދިމާކޮށް އިތުރު ވޯޓާ ރަންވޭއެއް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
މިހާރު ސީ ޕްލޭނުތައް ދަތުރުކުރަނީ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިންކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ މިހާރު އެމްއޭސީއެލުން މަސައްކަތްކުރަނީ އަލިކޮށްފައިވާ ވޯޓާ ރަންވޭއެއް ގާއިމުކުރުމަށް ކަމަށެވެ. އެއާޕޯޓު ލައިޓުތައް އުފައްދާ ކުންފުނިތަކާއެކު އެކަމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަލިކޮށްފައިވާ ވޯޓާ ރަންވޭއެއް ގާއިމުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން ވަރަށް ބޮޑު މަންފާައެއް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ކަމުގައި ޝަރީފު ވިދާޅުވި އެވެ.