ސްކޮލަޝިޕާއި ލޯނުގެ ނަމުގައި ދަރިވަރުން އަތުން އޮޅުވާލައިގެން ފައިސާ ހޯދަނީ

"މި މިނިސްޓްރީން ދަރިވަރުންނަށް ދޭ އެއްވެސް ހިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ހިދުމަތެއް ނޫން،" މިނިސްޓްރީން ބުންޏެވެ.

ސްކޭމް ތަކުގެ ކިބައިން ސަމާލުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އަންގާފައި --

ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯނަށް ހޮވިފައި ތިބި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން ދޭ ސްކޮލަޝިޕަށާއި ސްޓޫޑެންޓް ލޯނަށް ހޮވިފައިވާ ކުދިންނަށް އެ މިނިސްޓްރީގެ ނަމުގައި ގުޅައި އެކި ކަންކަމުގައި ފައިސާ ދޭން އެދެމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެ އެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެ އެވެ.

"ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސް ކަމަކަށް މި މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އަދި ކަމެއް އަވަސް ކުރުމަކަށް ވެސް އެއްވެސް ފައިސާއެއް ދޭކަށެއް ނުޖެހޭނެ،" މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނާއި ގުޅޭ ކަންކަމުގައި މުއާމަލާތް ކުރަމުން ދާނީ އެކަމަށް ހާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިން ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ކޮންމެހެން ގުޅަން ޖެހިގެން ބައެއް ހާލަތްތަކުގައި ފޯނުން ވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެ ކަމަށެވެ.

އެހެންކަމުން، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެނަމަ، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ކަށަވަރު ކުރުމަށާއި އަދި ވާހަކަދައްކަނީ މިނިސްޓްރީގެ މުވައްޒަފެއްކަން ޔަގީން ކުރުމަށްފަހުގައި ނޫނީ ޒާތީ މައުލޫމާތު ހިއްސާ ނުކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އަމުދުން އެއްވެސް ހާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

"މި މިނިސްޓްރީން ދަރިވަރުންނަށް ދޭ އެއްވެސް ހިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ހިދުމަތެއް ނޫން،" މިނިސްޓްރީން ބުންޏެވެ.

ސްކޭމަރުން ދަނީ އެކި ގޮތްގޮތުން ސްކޭމް ހިންގައިގެން ފައިސާ ހޯދަމުންނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ތަކުރާރުކޮށް އަންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.