ފާނަބަސަންތު ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެ ބަަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރަށް ޅ.އަތޮޅާއި އައްޑޫ ސިޓީން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ފާނުބަސަންތާއި ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މިއަދު މީޑިއާއަށް އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މި ދެބަލި ޖެހޭ މިންވަރު ފާއިތުވި ހަފުތާގައި ކުރީ ހަފުތާއަށްވުރެ އިތުރުވެފައިވެ އެވެ. އަދި އެ އެޖެންސީންވަނީ އެ ބަލިތައް އިތުރުވާ ސަރަހައްދުތައްވެސް ފާހަގަކޮށްފަ އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ފާއިތުވި ހަފުތާގެ ކުރީ ހަފުތާގައި ފާބަސަންތު ޖެހިގެން ރިޕޯޓުކޮށްފައިވަނީ 94 ކޭސް އެވެ. ނިމުނު ހަފުތާގަައި އެ އަދަދުވަނީ 107 އަށް އިތުރުވެފަ އެވެ. އަދި ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން ފާއިތުވި ހަފުތާގެ ކުރީ ހަފުތާ ރިޕޯޓުކުރީ 11 ކޭސް އެވެ. ނިމުނު ހަފުތާގައި އެ އަދަދު 35 އަށް އިތުރުވެފައިވެ އެވެ.
ފާނަބަސަންތު ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެ ބަަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރަށް ޅ.އަތޮޅާއި އައްޑޫ ސިޓީން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރަށް އދ އަތޮޅުންނެވެ.
އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި މިހާރު ރާއްޖޭގައި ފެތުރެމުންދާ ލޮލު ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު ފާއިތުވި ހަފުތާގައި އޭގެ ކުރީ ހަފުތާއަށްވުރެ ދަށްވެފައިވެ އެވެ. އެގޮތުން ފާއިތުވި ހަފުތާގައި ލޮލު ރޯގާ ޖެހިގެން 337 ކޭސް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 407 ކޭސް ފެނިފައިވެ އެވެ.
ލޮލު ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަަހައްދުގެ އިތުރަށް ލ އަތޮޅާއި ފުވައްމުލަކު ސިޓީން ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.