ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާކިޔާއިރު ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމަށް ހިއްސާވި މިންވަރު 26.3 އިންސައްތަ އިތުރުވެފައިވެ އެވެ
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް 6.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނޭޝަނަލް އެކައުންޓްސްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރި މިންވަރު ފާއިތުވި އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 9.3 އިންސައްތަ އިތުރުވި ކަމަށެވެ.
ފަތުރުވެރިކަަމުގެ ސިނާއަތުން ގައުމީ އުފެއްދުންތެރިކަމަށް ކުރާ ހިއްސާ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަ ބެޑް ނައިޓްސް އިތުރުވުމެވެ. އެގޮތުން ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ބެޑްނައިޓްސް 429،285 އިން އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެ އެވެ.
ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާކިޔާއިރު ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމަށް ހިއްސާވި މިންވަރު 26.3 އިންސައްތަ އިތުރުވެފައިވެ އެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ބެޑްނައިޓްސް 914،024 އިން އިތުރުވެފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ.
ހޯލްސޭލް އަދި ރިޓެއިލް ދާއިރާއިން ޖީޑީޕީއަށް ހިއްސާކޮށްފައިވަނީ 2.04 ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރުގެ ފަހު ކުއާޓާއަށްވުރެ 9.9 އިންސައްތަ އިތުރު އަދަދެކެވެ. އެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރާ މިންވަރު އިތުރުވި މައިގަނޑު ސަބަބަކީ އިމްޕޯޓުކުރާ މުދާ އިތުރުވުމެވެ.
ނިމުނު އަހަރުގެ ފަހު ކުއާޓާއަށްވުރެ ހޯލްސޭލް އަދި ރީޓެއިލު ވިޔަފާރިތަކުން ޖީޑީޕީގައި ހިއްސާވާ މިންވަރު އިތުރުވި ނަމަވެސް އެ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ އެ ވިޔަފާރިތަކުގެ ހިއްސާވަނީ 6.3 އިންސައްތަ ދަށްވެފަ އެވެ.
ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން ޖީޑީޕީއަށް ހިއްސާކުރީ 3.3 ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ 18.2 އިންސައްތަ އިތުރުވުމެކެވެ. އަދި ނިމުނު އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 11.5 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖީޑީޕީއަކީ 27.3 ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރުގެ ފަހު ކުއާޓާއަށްވުރެ 8.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުން ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރި މިންވަރު 2.3 އިންސައްތަ އިތުރުވުމެވެ.
ފިކު