ފުރަތަމަ ކުއާޓާގައި ޖީޑީޕީ 8.8 އިންސައްތަ އިތުރުވި

ކުއާޓާލީ ނޭޝަނަލް އެކައުންޓްސް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ބާޒާރުގެ އަގުން އަގުމަގުކުރުމުން އަހަރުގެ ފުރަތަމަ ކުއާޓާގައި 27.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މާލޭގެ ލޯކަލްމާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ފާއިތުވި އަހަރުގެ އެންމެ ފަހު ކުއާާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން 8.8 އިންސައްތައިން އިތުރުވެއްޖެ އެވެ. 

ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ ކުއާޓާލީ ނޭޝަނަލް އެކައުންޓްސް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ބާޒާރުގެ އަގުން އަގުމަގުކުރުމުން އަހަރުގެ ފުރަތަމަ ކުއާޓާގައި 27.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

އަދި އެއީ ނިމުނު އަހަރުގެ ފަހު ކުއާޓާއަާ އަޅާބަލައިރު 8.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު އެއީ 9.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. 

އިތުރަށް އެ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރު ގައުމީ އުފެއްދުންތެރިކަން އިތުރުވި މައިގަނޑު ސަބަބަކީ ޖީޑީޕީގައި ފަތުރުވެރިކަމުގެ ހިއްސާ އިތުރުވުމެވެ. އެގޮތުން ޖީޑީޕީގައި ފަތުރުވެރިކަމުގެ ހިއްސާ 2.3 އިންސައްތަ އިތުރުވެފައިވެ އެވެ. 

ފަތުރުވެރިކަމުގެ އިތުރަށް ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާގެ ހިއްސާ 2.1 އިންސައްތައިން އަދި ހޯލްސޭލާއި ރިޓެއިލް ވިޔަފާރީގެ ހިއްސާ 0.7 އިންސައްތައިން އިތުރުވެފައިވެ އެވެ. 

2019 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނ އަހަރުގެ ދެވަނަ ކުއާޓާއިން ފެށިގެން ގައުމީ އުފެއްދުންތެރިކަން އަންނަނީ އެ އަހަރަށްވުރެ ބޮޑަށް އިތުރުވަމުން ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކުރި އެވެ. 

އެގޮތުން 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި 4.6 އިންސައްތައިން ޖީޑީޕީ އިތުރުވިއިރު ހަތަރުވަނަ ކުއާޓާގައި 4.2 އިންސައްތައިން އިތުރުވި އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާއާއި 2019 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިން ޖީޑީޕީ އިތުރުވެފައިވެ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖީޑީޕީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރީ ފަތުރުވެރިކަމެވެ. އެގޮތުން ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމުގެ 24.7 އިންސައްތަ ހިއްސާކޮށްފައިވެ އެވެ. އަދި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން 12.3 އިންސައްތަ ހިއްސާކުރިއިރު ތިންވަނައަށް ޖީޑީޕީގެ އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރީ ރިއަލް އެސްޓޭޓު ވިޔަފާރި އެވެ. އެ ދާއިރާއިން ގައުމީ އުފެއްދުންތެރިކަމުގެ 7.9 އިންސައްތަ ހިއްސާކުރި އެވެ. 

ޖީޑީޕީގައި އެންމެ ކުޑަ ހިއްސާއެއް އޮތީ ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ފަންނީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރަނީ 0.8 އިންސައްތަ އެވެ. ދެވަނައަށް ޖީޑީޕީގައި އެންމެ ކުޑަ ހިއްސާއެއް އޮތް ދާއިރާއަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގެ ހިއްސާއަކީ 0.9 އިންސައްތަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.