ޕީޖީ ހެކިވެރިޔަކަށް ލަމްހާގެ ދައްތަ، ޕީޖީން ބޭނުންވި ހެކިބަހެއް ނުދިން

ސުހާނާއަށް އެނގޭ ކަންކަން ހާމަނުކުރަން އުޅޭ ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ. ސުހާނާ ބުނެފައި ވަނީ ލަމްހާއަކީ އޭނާގެ ކޮއްކޮއަށްވުމުން ދެކޮޅަށް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށެވެ.

ލަމްހާ ޝަރީއަތުގެ މަޖިލީހުގައި --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ، މި މައްސަލައިގެ ތުހުމަތު އޮތް ހަލީމަތު ލަމްހާގެ ދައްތަ މިއަދު ކޯޓަށް ހާޒިރުވެ، ލަމްހާއަށް ފަހިވާ ގޮތަށް ހެކިބަސް ދީފި އެވެ.

ލަމްހާގެ އިތުރުމުން މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އަށެވެ.

ލަމްހާގެ ދައްތަ، ސުހާނާ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާއިރު، ލަމްހާގެ ފަރާތުން ވަނީ އޭނާ ދިފާއީ ހެއްކެއްގެ ގޮތުގައި ވެސް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި ސުހާނާ ހުރީ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ހާޒިރުވެ، ހެކިބަސްދޭ ގޮތަކަށް ނޫނެވެ. ނަމަވެސް ހާޒިރު ނުވެއްޖެނަމަ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ދައުލަތުން އެންގުމުން މިއަދު ވަނީ ހެކިބަސް ދޭން ހާޒިރުވެފަ އެވެ.

އޭނާގެ ހެކިބަސް ނެގިއިރު ދިފާއީ ވަކީލުންނާއި ދައުލަތާ ދެމެދު ވަރަށް ގިނައިރު ބަހުސްތަކެއް ވެސް ކުރިއަށް ދިޔަ އެވެ. ދައުލަތުން ބުނަނީ ސުހާނާއަށް އެނގޭ ކަންކަމުގައި ގަސްތުގައި ހެކިބަސް ނުދޭން މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގަށް ދިން ބަޔާން ދެއްކުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ދިފާއީ ވަކީލުން އެކަމަށް ދެކޮޅު ހަދާފައިވެ އެވެ.

ހެކިބަސް ދެމުން ސުހާނާ ބުނީ ލަމްހާއާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ، މޭރީ އަދި މާވިންއާ ދެމެދު މައްސަލަ ޖެހިގެން އުޅޭކަން ލަމްހާގެ ފުށުން އޭނާއަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް މޭރީ މަރުވި ދުވަހު ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުނު ކަން ނޭންގޭ ކަމަށެވެ. މޭރީ މަރުވި ދުވަހު އެދެމަފިރިން ދަރިފުޅު ލަމްހާ އެގެއަށް ގެނަ ނަމަވެސް ގެނައީ ކީއްވެގެންކަން ނޭންގޭ ކަމަށެވެ. ގެނައީ ކީއްކުރަން ކަން ވެސް އޭނާ ނާހާ ކަމަށެވެ.

ސުހާނާއަށް އެނގޭ ކަންކަން ހާމަނުކުރަން އުޅޭ ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ. ސުހާނާ ބުނެފައި ވަނީ ލަމްހާއަކީ އޭނާގެ ކޮއްކޮއަށްވުމުން ދެކޮޅަށް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށެވެ. ދިފާއީ ވަކީލުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރާވާހަކަ ބުނުމުން ކޯޓަށް ހާޒިރުވި ނަމަވެސް ހެކިބަސް ދިނީ ޖެހިލުންވެ ހުރެ ކަމަށެވެ.

ދައުލަތުން އެދުނު ގޮތަށް ތަހުގީގީ ބަޔާން ދައްކަން ގާޒީ ހުސެއިން ފާއިޒު ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެހެންކަމުން ދައުލަތުން ބޭނުންވާ ސުވާލުތަކެއް ސުހާނާއާ ކުރެވޭ ގޮތެއް ނުވި އެވެ.

ސުހާނާގެ އިތުރުން މިއަދު ވަނީ ލަމްހާ އަދި މާވިންއާއެކު އައިޖީއެމްއެޗުގެ އެމެޖެންސީ ރޫމުގައި މަސައްކަތް ކުރި ދެ ނަރުހުން ވެސް ހެކިބަސް ދީފަ އެވެ. އެތަނުން އެއް ނަރުހަކު ހެކިބަސް ދެމުން ބުނެފައި ވަނީ އޭނާގެ ފޯނުން މާވިން ފޮނުވާފައިވާ ސްކްރީންޝޮޓްތަކެއް ފުލުހުން ނަގާފައިވާ ކަމަށެވެ. އެއީ މާވިންއާއި "ލިބެކް" ކިޔާ ކުއްޖަކާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެކެވެ. އެ އެއްޗެހި ފޮނުވުމަށްފަހު، އެކުއްޖާއާއެކު އޮތް ގުޅުން މޭރީއަށް އެނގިދާނެތީ އެ ވާހަކަތައް އޭނާއާ ހިއްސާ ކުރި ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ވަރަށް ގިނަ ނަރުހުންނާއި ޑޮކްޓަރުންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އީއާރުގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުން އަދި މޭރީއާއެކު މަސައްކަތް ކުރާ ގިނަ ނަރުހުންތަކެއްގެ ހެކިބަސް ނަގާފައިވެ އެވެ.

މޭރީ މަރުވެފައި ވަނީ އޮކްޓޯބަރު 19, 2021 ގައެވެ. މޭރީގެ މަރު އާއިލާއިން ރިޕޯޓު ކުރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ހިންގި ތަހުގީގުގައި، އޭނާ ގަސްތުގައި މަރާލި ކަމުގެ ތުހުމަތު ކުރެވުނެވެ. މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. ދެ މީހުން ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.