ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުން ލިބޭ ހިއްސާގެ ބޮޑު ބަޔަކީ ރިސޯޓުތަކަށް ލިބޭ އާމްދަނީ ކަމުގައިވާއިރު، ފާއިތުވި އަހަރު ރިސޯޓުތަކުގެ ބެޑްނައިޓުގެ އަދަދު އަންދާޒާކުރެވުނު މިންވަރަށްވުރެ ދަށްވެފައިވެ އެވެ.
ރިސޯޓުތަކުގައި ފަތުރުވެރިން ހޭދަކުރާ ދުވަސް މަދުވުމުގެ ސަބަބުން ފަތުރުވެރިކަމުން ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރާ މިންވަރު ކުރިން ލަފާކުރި މިންވަރަށްވުރެ ދަށްވާނެ ކަމުގައި ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފައިވާ މެކްރޯ-އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުން، 2023 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގައި ފަތުރުވެރިކަމުގެ ހިއްސާ ނުވަތަ ފަތުރުވެރިކަމުން ޖީޑީޕީއަށް އިތުރުވި ފައިސާގެ އަދަދަކީ 20.6 ބިލިއަން ރުފިޔާ އެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 1.0 އިންސައްތަ ދަށް އަދަދެކެވެ.
އޭގެ އިތުރަށް އެ އަދަދަކީ 2024 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުން ހިއްސާކުރާނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 8.9 އިންސައްތަ ދަށް އަދަދެކެވެ.
ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުން ލިބޭ ހިއްސާގެ ބޮޑު ބަޔަކީ ރިސޯޓުތަކަށް ލިބޭ އާމްދަނީ ކަމުގައިވާއިރު، ފާއިތުވި އަހަރު ރިސޯޓުތަކުގެ ބެޑްނައިޓުގެ އަދަދު އަންދާޒާކުރެވުނު މިންވަރަށްވުރެ ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ރިސޯޓު ބެޑްނައިޓްގެ އަދަދު ގުނުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުގައި ބޮޑު ފަރަގެއް އެބަ ހުއްޓެވެ. މީރާގެ ހިސާބުތަކަށް ބަލާއިރު ރިސޯޓުތަކުގެ ބެޑްނައިޓު ދަށްވި މިންވަރު ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ރިސޯތު ބެޑްނައިޓު ދަށްވިކަމަށް ފެންނަ އަދަދަށްވުރެ ވަރަށް ބޮޑަށް ކުޑަ އެވެ.
މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޖީޑީޕީއަށް 21.9 ބިލިއަން ރުފިޔާ ހިއްސާކުރާނެ ކަމަށް ބެލެވޭއިރު އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 6.1 އިންސައްތައިގެ އިތުރުވުމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.
މެދު ރާސްތާގައި ފަތުރުވެރިކަން 8.6 އިންސައްތައިން ކުރިއަރާނެކަމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކުރި ނަމަވެސް، މެކްރޯ-އިކޮނޮމިކް އަޕްޑޭޓުގައި ފަތުރުވެރިކަމުގެ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 6.8 އިންސައްތައިގަ އެވެ.
ފަތުރުވެރިކަމުގެ ކުރިއެރުން އަންދާޒާކުރި މިންވަރަށްވުރެ ކުޑަވާނެ ކަމުގައި ލަފާކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރިސޯޓު ބެޑްނައިޓަށް އައި ބަދަލެވެ. އޭގެ އިތުރަށް އިގުތިސާދަށާއި ފަތުރުވެރިކަމުގެ ބާޒާރަށް އައިސްފައިވާ ބައެއް ބަދަލުތަކަކީވެސް ފަތުރުވެރިކަމުގެ ކުރިއެރުން އަންދާޒާކުރާ މިންވަރު ދަށްކުރި ސަބަބުތަކުގެ ތެރެއިން ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަަކޮށްފައިވެ އެވެ.