2024 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ކުޑަކޮށް އިގުތިސާދު ކުރިއަރާނެކަމަށް މިހާރު ލަފާކުރާ ސަބަބުތަކުގެ ތެރޭގައި މުހިއްމު ސިނާއަތްތައް ކުރިން ލަފާކުރެވުނު މިންވަރަށް ކުރިނޭރުމާއި، މާލީ އިސްލާހީ ފިޔަވަޅުތައް ހިމެނެ އެވެ.
މި އަހަރު ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ލަފާކުރި މިންވަރަށް ގައުމީ އުފެއްދުންތެރިކަން ކުރިނާރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފައިވާ މެކްރޯ-އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ރިއަލް ޖީޑީޕީ ނުވަތަ އިންފްލޭޝަނަށް އަންނަ ބަދަލާ އެއްހަމަވާ ގޮތަށް ގައުމީ އުފެއްދުންތެރިކަން މި އަހަރު ކުރިއަރާނީ 4.9 އިންސައްތައިންނެވެ. މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ރިއަލް-ޖީޑީޕީ 5.8 އިންސައްތައިން ކުރިއަރާނެ ކަމުގައި ލަފާކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ 2023 ވަނަ އަހަރު އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައިނުވާ ކަމަށެވެ. ނިމުނު އަހަރާއި މި އަހަރު ޖީޑީޕީގެ ކުރިއެރުން މަޑުޖެހުނު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ބެޑް ނައިޓުތައް ދަށްވުން ރިޕޯޓުގައި ފާހަގަކުރި އެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 2025 ވަނަ އަހަރާއި 2027 ވަނަ އަހަރާ ދެމެދުގައި ހުންނާނީ އެވެރެޖުކޮށް 5.8 އިންސައްތައިގަ އެވެ. އަދި 2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިމުމުން ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތައިން އިތުރުވާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
2024 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ކުޑަކޮށް އިގުތިސާދު ކުރިއަރާނެކަމަށް މިހާރު ލަފާކުރާ ސަބަބުތަކުގެ ތެރޭގައި މުހިއްމު ސިނާއަތްތައް ކުރިން ލަފާކުރެވުނު މިންވަރަށް ކުރިނޭރުމާއި، ސަރުކާރުން ގެންނަން ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުމުން އިގުތިސާދަށް ކުރާނެ ކަމުގައި ބެލެވޭ އަސަރުތައް ހިމެނެ އެވެ.
އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެކަމަށް ބެލެވޭ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ ހިސާ ނުވަތަ ގްރޮސް ވެލިއު އެޑިޝަން އަންދާޒާކުރި މިންވަރަށްވުރެ ކުޑަވުމެވެ.
ފަތުރުވެރިކަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރި ސަބަބަކީ ރިސޯޓު ބެޑްނައިޓުގެ އަދަދު ލަފާކުރި މިންވަރަށްވުރެ ދަށްވުމެވެ. 2023 ވަނަ އަހަރު ރިސޯޓު ބެޑްނައިޓުގެ އަދަދު 2022 ވަނަ އަހަރާ އަޅާބަލާއިރު މަދުވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ.