ރަޝިޔާއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރަން ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފި

ޕުޓިން ސިފަކުރެއްވި ގޮތުގައި ރަޝިޔާ-އިންޑިއާ ގުޅުމުގައި އިމްތިޔާޒު ލިބިގެންވާ މުހިއްމު އިސްތިރާޖީ ގުޅުމެކެވެ.

ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ކްރެމްލިން

ރަޝިޔާއާއި އިންޑިއާގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ތާރީފު ކުރެއްވުމާއެކު، މިހާރަށްވުރެ ބޮޑަށް ކައިރިން ދެ ގައުމުން މަސައްކަތްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާއި ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން އެއްބަސްވެވަޑައިގެންފި އެވެ. 

ރަޝިޔާއަށް މޯދީ ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގައި ބޭއްވެވި ބައްދަލުވުމުގައި ޕުޓިން ސިފަކުރެއްވި ގޮތުގައި ރަޝިޔާ-އިންޑިއާ ގުޅުމުގައި އިމްތިޔާޒު ލިބިގެންވާ މުހިއްމު އިސްތިރާޖީ ގުޅުމެކެވެ. 

ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ފާއިތުވި އަހަރު އެކަނި 60 އިންސައްތައިން އިތުރުވެފައިވެ އެވެ. އަދި އިންޑިއާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި 65 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އެއިން އެންމެ ބޮޑު ބަޔަކީ ރަޝިޔާއިން އިންޑިއާއަށް އެތެރެކުރާ ތެލާއި ގަސްކާނާ އެވެ. 

"ކޮންމެ އިންޑިއާ މީހަކަަށްވެސް އިހުސާސްވާ ގޮތުގައި ރަޝިޔާއަކީ ރަނގަޅު ވަގުތުތަކާއި ނުރަނގަޅު ވަގުތުތަކުގައިވެސް އިންޑިއާގެ އެކުވެރިއެއް،" ދެ ގައުމުގެ މެދުގައި އޮތް ގުޅުން ސިފަ ކުރައްވަމުން މޯދީ ވިދާޅުވި އެވެ. އަަދި އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ-އިންޑިއާ ގުޅުމަކީ އިތުބާރާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. 

ދެ ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނެރުއްވި ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވަނީ އަސްކަރީ ޓެކްނޮލޮޖީ ކުރިއެރުވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރަޝިޔާގެ ހަތިޔާރުތަކަށް ބޭނުންވާ ސްޕެއާ ޕާޓުތައް އިންޑިއާގައި އުފެއްދުމަށް އެއްބަސްވެވިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އިންޑިއާ އަސްކަރިއްޔާއިން ބޭނުންކުރާ ހަތިޔާރުގެ ބޮޑު ބަޔައަކީ މިހާރުވެސް ރަޝިޔާގެ ހަތިޔާރެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އިންޑިއާއަށް ރަޝިޔާއިން ބޭރުކުރާ ހަތިޔާރުގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. 

އޭގެ ބަދަލުގައި އިންޑިއާއިން އަންނަނީ އެމެރިކާއާއި އިސްރާއީލާއި ފަރަންސޭސިވިލާތުން ހަތިޔާރު ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރަޝިޔާއާއި އިންޑިއާގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 100 ބިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. 

ޔޫކުރެއިން ހަނގުރާމައަށްފަހު އިންޑިއާއިން އަންނަނީ ރަޝިޔާއާ ގާތް ގުޅުމެއް އުފައްދައި އެ ގައުމާއެކު ވިޔަފާރިކުރާ މިންވަރު އިތުރުކުރަމުންނެވެ. ހާއްސަކޮށް ރަޝިޔާއިން އަގުހެޔޮކޮށް ތެލުގެ ބާވަތްތައް ލިބޭތީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މިންވަރުވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. 

މޯދީގެ ޒިޔާރަތުގައި ޕުޓިންވަނީ ޔޫކުރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި މޯދީ އަދާކުރައްވާ ދައުރު ފާހަގަކުރައްވައި އޭނާއަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.