މި މަހު ހުޅުވި ހާބިން އައިސް އެންޑް ސްނޯ ވޯލްޑް ކޮމްޕެނީއަށް ޖިނެސް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ދުނިޔޭގެ އެންމެ ބޮޑު އިންޑޯ އައިސްއާއި ސްނޯ ތީމް ޕާކުގެ މަގާމު ދީފައިވެ އެވެ.
ޗައިނާގެ އިރުއުތުރުގެ ސިޓީއެއްކަމަަށްވާ ހާބިންގައި ދުނިޔޭގެ އެންމެ ބޮޑު އައިސް އަދި ސްނޯ ތީމް ޕާކު ހުޅުވައި، އަހަަރުގެ ހުރިހާ ދުވަހެއްގައި ފިނި މޫސުން ތަޖުރިބާ ކުރުމުގެ ފުރުސަތު އެ ސިޓީގެ ރައްޔިތުންނަށް ފަހިކޮށްފި އެވެ.
ޗައިނާގެ އެންމެ އުތުރުގައި އޮންނަ ހާބިންއަކީ ހެލޮންޖިން ޕްރޮވިންސްގެ ވެރިރަށެވެ. އެ ސިޓީއަކީ ދިގު ފިނި އަދި ގަދައަށް ސްނޯ ވެހޭ ފިނި މޫސުން ތަޖުރިބާކުރަންޖެހޭތީ އައިސް ސިޓީގެ ނަމުގައި މަޝްހޫރުވެފައިވާ ސިޓީއެކެވެ. އަދި 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާޗު މަހުގެ ކުރީ ކޮޅާ ހަމައަށް އެ ސިޓީގައި ހާބިން އައިސް އެންޑް ސްނޯ ފެސްޓިވަލުގެ ނަމުގައި ބޮޑު ފެސްޓިވަލެއް އޮވެ އެވެ.
މި މަހު ހުޅުވި ހާބިން އައިސް އެންޑް ސްނޯ ވޯލްޑް ކޮމްޕެނީއަށް ޖިނެސް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ދުނިޔޭގެ އެންމެ ބޮޑު އިންޑޯ އައިސްއާއި ސްނޯ ތީމް ޕާކުގެ މަގާމު ދީފައިވެ އެވެ.
މި ޕާކު ހުޅުވާފައިވަނީ ހާބިންއަށް ހީޓްވޭވެއް ނުވަތަ ހޫނުގެ އޮއިވަރެއް ކުރިމަތިވެފައިވަނިކޮށެވެ. އެ އޮއިވަރުގައި އެންމެ ހޫނުގަދަވިއިރު ހޫނުމިން 29 ޑިގުރީއަށް އަރާފައިވެ އެވެ. ނަމަވެސް އަލަށް ހުޅުވި އިންޑޯ އައިސް ޕާކުގެ ހޫނުމިން -8 ޑިގުރީއާއި -12 ޑިގުރީއާ ދެމެދުގައި ހިފަހައްޓާފައިވެ އެވެ.
ހާބިން އައިސް އެންޑް ސްނޯ ވޯލްޑް ޕާކަކީ 23،800 އަކަމީޓަަރުގެ ބޮޑު ސަރަހައްދެއް ހިމެނޭ ޕާކެކެކެވެ. ޖުލައި ހަަވަނަ ދުވަހު ހުޅުވި ޕާކުވަނީ ނުވަ ތީމްގެ މައްޗަށް އެކުލެވޭ ސެކްޝަންތަކަށް ބަހާލާފަ އެވެ. އަދި 13 އިންޓެރެކްޓިވް މަޝްރޫއެއް އެ ޕާކުގެ ތެރޭގައި އެކުލެވެ އެވެ.
މި ޕާކު ބިނާކުރުމަށް ބޭނުންކުރި އަައިސްއަކީ ޗައިނާގެ ސޮންހުއާ ކޯރުން ނަގާފައިވާ އައިސް އެވެ. އެގޮތުން ޖުމްލަ 20،000 ކިއުބިކް މީޓަރުގެ އައިސް ޕާކު ބިނާކުރުމަށް ބޭނުންކޮށްފައިވެ އެވެ. ޕާކުގެ އެތެރޭގައި އައިސްއާއި ލައިޓުތައް ބޭނުންކޮށްގެން އުފައްދައިދޭ ޖާދުވީ މާހައުލުގައި މީރު ކާނާއާއި އެކިކަހަލަ ސަގާފީ ހަރަކާތްތައް ތަޖުރިބާ ކުރެވޭނެ އެވެ.
އައިސްއިން އެކި ބާވަތުގެ މޭވާއާއި އައިސް އަދި އެނޫންވެސް ބައެއް ތަކެތީގެ ސްކަޕްޗާތައް ފެންނަން ހުންނާނެ އެވެ.
ހާބިންގެ ސްނޯ އެންޑް އައިސް ފެސްޓިވަލަކީ ޗައިނާގެ އެތެރެއިންނާއި ބޭރުން އެތައް ހާސް ފަތުރުވެރިން އެ ސިޓީއަށް ގެނެސްދޭ ކަމަކެވެ. އަދި މިހާރު ހުޅުވިގެންދިޔަ އައިސް އެންޑް ސްނޯ ތީމް ޕާކާއެކު އެ ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިހުނަށްވުރެ އިތުރުވާނެކަމަށް ސިޓީގެ މަސްއޫލުވެރިން ލަފާކުރައްވަ އެވެ.