ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ބިނާކޮށްފައިވާ މޮނިއުމެންޓު ހުޅުވައިދެއްވީ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ އެމްޑީއާއި ޑީއެމްޑީންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ބަހައްޓާފައިވާ މޮނިއުމެންޓު މިއަދު އިފުތިތާހުކޮށްފި އެވެ.
ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ބިނާކޮށްފައިވާ މޮނިއުމެންޓު ހުޅުވައިދެއްވީ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފާއި އެ ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންކަމަށްވާ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފެވެ.
މި މޮނިއުމެންޓާއެކު އެއާޕޯޓުގެ މަލަމތި ވަރަށް ބޮޑަށް ޒީނަތްތެރިވެފައިވެ އެވެ. އެމްއޭސީއެލުން އެއާޕޯޓުގެ މޮނިއުމެންޓު ބިނާކޮށް ހުޅުވާފައިވާއިރު، އެ ކުންފުނިން އަންނަނީ ޒަަމާނީ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަމުގައި އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތްވަނީ ނިންމާފަ އެވެ. އަދި އެއާޕޯޓުގެ ކާގޯ ޓާމިނަލާއި އައު ޖެޓް ފިއުލް ތާނގިތަކުގެ މަސައްކަތްވެސް ނިންމި އެވެ.
އަދި 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތްވެސް އޮތީ ނިމުމަކާ ގާތަށް އައިސްފަ އެވެ. އެ މަސައްކަތް ނިމުނީ 2019 ވަނަ އަހަރު އެވެ. ނަމަވެސް ޓާމިނަލް ބޭނުންކުރަން ފެށުނީ 2023 ވަނަ އަހަރު އެވެ.
އެ މަޝްރޫއުގައި ބަކީ އޮތް އެންމެ ބޮޑު މަސައްކަތް ކަމަށްވާ އިންޓަނޭޝަނަލް ފަސިންޖާ ޓާމިނަލްގެ މަސައްކަތް ފާއިތުވި ދައުރުގައި ވަރަށް ބޮޑަށް މަޑުޖެހުމުގެ ސަބަބުން އެ މަސައްކަތް އޮތީ ފެށުނުތާ 7 ވަރަކަށްވީއިރު ނުނިމި އެވެ. މިހާރު އެ ޓާމިނަލްގެ މަސައްކަތް ހަލުއިކޮށް ކުރިއަަށް އެބަދެ އެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް އަންނައިރު ނިމޭނެ އެވެ. މި އަހަރު ނިމުމުގެ ކުރިން ޓާމިނަލްގެ ބައެއް ސަރަހައްދުތައް ބޭނުންކުރެވޭ މިންވަރަށް ނިމޭނެ ކަމުގައި އެ ކުންފުނިން ބުނެ އެވެ.