ފަނޑިޔާރުންގެ ހެލްތު އިންޝުއަރޭންސް ޕްރިމިއަމް ބޮޑުކުރަން އެދިއްޖެ، މެންބަރުން ދެކޮޅު

އަދި މިހާރު ޖުޑީޝަރީން އެދިފައިވާ ގޮތަށް ޕްރިމިއަމް ބޮޑުކޮށްފިނަމަ މި އަހަރުގެ ބަޖެޓަށް އިތުރު 5.7 މިލިއަން ރުފިޔާ ބޭނުންވާނެ ކަމުގައި ކޮމިޓީގެ ސެކްރެޓޭރިއޭޓުން މެންބަރުންނަށް މައުލޫމާތު ދިނެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް: މިއަދުގެ ބައްދަލުވުން ވަނީ މެދުކަނޑާލައިފައި

ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރު ބޮޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދުމުން މާލިއްޔަތު ކޮމިޓީގެ މެންބަރުން އެކަމާ ދެކޮޅުކަން ހާމަކުރައްވައިފި އެވެ. 

މޭ މަހު ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީ މިއަދު މާލިއްޔަތު ކޮމިޓީގައި މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިއްވަވައިދެއްވިއިރު، އެ ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުންނާއި ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުންގެ ހެލްތު އިންޝުއަރޭންސް ޕްރިމިއަމް ބޮޑުކުރުމާއެކު، މިހާރު ފަނޑިޔާރުންނަށް ހެލްތު އިންޝުއަރޭންސް ހަމަޖެއްސުމަށް އަމާނާ ތަކާފުލާއެކު ހަދާފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ފުލް ކަވަރޭޖު ފޯރުކޮށްދޭން އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. 

އެ ސިޓީއާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ ސެކްރެޓޭރިއޭޓުން މައުލޫމާތު ދެމުން ބުނެފައިވަނީ، ދައުލަތުން އިންޝުއަރޭންސް ފޯރުކޮށްދޭ ފަރާތްތަކަށް ޕްރިމިއަމްތަކެއް މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޖުޑީޝަރީގެ ޕްރިމިއަމް ރޭޓުތައް އުޅޭނީ 24،000 ރުފިޔާއިން ފެށިގެން 9،000 ރުފިޔާއާ ދެމެދުގައި ކަމަށެވެ. 

ޖުޑީޝަރީއަށް ކަނޑައަޅާފައިވާ އިންޝުއަރެންސް ޕްރިމިއަމް

  •  ސުޕްރީމް ކޯޓު: 24،000
  •  ހައި ކޯޓު: 14،500
  •  ކްރިމިނަލް ކޯޓު: 12،000
  •  އެހެނިހެން ސުޕީރިއާ ކޯޓުތައް: 12،000
  •  މެޖިސްޓްރޭޓުން: 9،000

ޕްރިމިއަމް ބޮޑުކުރަން ޖުޑީޝަރީން އެދުނީ ކުރިން ނަގާފައިވާ ކަވަރޭޖުގެ އަގުތައް މިހާރު ކަނޑައަޅާފައިވާ ޕްރިމިއަމްތަކަށްވުރެ ބޮޑުވުމުންނެވެ. އެކަމުގައި މަޖިލީހުން އަމަލުކުރާ ގޮތެއްކަމަށް މާލިއްޔަތު ކޮމިޓީގެ ސެކްރެޓޭރިއޭޓުން ބުނީ ކުރިން ނަގަމުން އައި ކަވަރޭޖަށްވުރެ ދަށް ކަވަރޭޖެއް މިހާރު ނަގަމުންދާ ކަމަށެވެ. ނަމަވެސް ޖުޑީޝަރީގެ ކަވަރޭޖު ބަދަލުކޮށްފައިނުވެ އެވެ. 

ޕްރިމިއަމް ބޮޑުކުރާނަމަ ހުރިހާ އެންމެންގެ ޕްރިމިއަމްތައް މުރާޖައާކޮށް ލެވެލްތަކުގެ ޕްރިމިއަމްތައް ބޮޑުކުރަންޖެހޭނެ ކަމުގައި ސެކްރެޓޭރިއޭޓުން ބުންޏެވެ. 

އަދި މިހާރު ޖުޑީޝަރީން އެދިފައިވާ ގޮތަށް ޕްރިމިއަމް ބޮޑުކޮށްފިނަމަ މި އަހަރުގެ ބަޖެޓަށް އިތުރު 5.7 މިލިއަން ރުފިޔާ ބޭނުންވާނެ ކަމުގައި ކޮމިޓީގެ ސެކްރެޓޭރިއޭޓުން މެންބަރުންނަށް މައުލޫމާތު ދިނެވެ. އެފަދަ ބަދަލެއް ގެންނަނަމަ މުޅި ބަޖެޓަަށް އަންނާނެ އަސަރު ބަލަންޖެހޭނެ ކަމަށް ސެކްރެޓޭރިއޭޓުން ފާހަގަަކުރި އެވެ. 

އެ ހުށަހެޅުމާ ގުޅިގެން ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މިހާރު އިންޝިއުރަންސްގެ ނިޒާމު އޮތީ އަދުލުވެރި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން މަޖިލިސް މެންބަރުންނަށް ދޭ އިންޝުއަރޭންސްއިން ކަވަރުކުރަނީ ހަމައެކަނި މެންބަރުންގެ 18 އަހަރު ނުފުރޭ ދަރިންކަމަށްވާއިރު، ފަނޑިޔާރުންގެ މައިންބަފައިންނަށްވެސް ކަވަރޭޖު ލިބޭ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް އާސަންދަ ފިޔަވައި އިތުރު އިންޝުއަރޭންސެއް ނުލިބޭއިރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު އިންޝުއަރޭންސް ލިބޭކަން ޝުޖާ ފާހަގަކުރެއްވި އެވެ. 

ޝުޖާވަނީ މިހާރު ސަރުކާރުން ފަށާފައިވާ މާލީ އިސްލާހުތަކުގައި އިންޝުއަރޭންސް ދިނުމުގެ އުސޫލުތަކަށް ގެންނަން ވިސްނާ ބަދަލުތަކާމެދު މަޝްވަރާކޮށް އޮޅުންފިލުވުމަށް ހުށަހަޅުއްވާފަ އެވެ. 

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ޖުޑީޝަރީން އެދިފައިވާ ގޮތަށް ޕްރިމިއަމް ބޮޑުކޮށް ފުލް ކަވަރޭޖަށް ބޭނުންވާ 5.7 މިލިއަން ރުފިޔާ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައިގެން ހަމަޖެއްސުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. 

ސަރުކާރުން ހަރަދު ކުޑަކުރަން މިހާރު މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ ހަރަދު ކުޑަކުރަން މަސައްކަތްކުރާ ވަގުތެއްގައި ފަނޑިޔާރުންގެ އިންޝުއަރޭންސަށް އިތުރު ފަސް މިލިއަނެއްހައި ރުފިޔާ ހަރަދު ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. 

"މިހާރު މިއޮންނަގޮތުން ފަނޑިޔާރުން އެބަޖެހޭ ކޯޕޭމަންޓްގެ ގޮތުގައި ޕްރިމިއަމްގެ %10 ދައްކަވަން. (ޖޭއެސްސީގެ) ސިޓީން މިސާފުވަނީ އެބޭފުޅުން މިހާރު ބޭނުންފުޅެއް ނުވެއޭ މި %10 ވެސް ދައްކަވާކަށް. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން. އިންޝްއަރެންސް ސްކީމްތައް މަސައްކަތް ކުރާ ގޮތަކީ ވެސް ކޮންމެވެސް ވަރެއްގެ އެއްޗެއް އަމިއްލައަށް ދެއްކެވުން. އެއީ ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރެވޭނެ ގޮތަކީ." އޭނާ ވިދާޅުވި އެވެ. 

އަޒާން އިތުރަށް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އޮންނަ ގޮތަކީ އިންޝުއަރޭންސްގެ ކަވަރޭޖުގެ އަގުގެ ކޮންމެވެސް މިންވަރެއް އަމިއްލައަށް ދެއްކުން ކަމަށެވެ. އަދި މިހާރު ޖޭއެސްސީން އެދިފައިވާ ގޮތަށް ހަމަޖައްސައިފިނަމަ އެ ފަސް މިލިއަން ރުފިޔާއަކީ ރައްޔިތުންގެ ބޮލުގައި އިތުރަށް އެޅިގެންދާނެ ދަރަންޏެއް ކަމުގައިވެސް އަޒާން ވިދާޅުވި އެވެ. 

"އެބޭފުޅުން އެދިފައި މިއޮތީ މިފައިސާ ލިބޭނެ ގޮތް ހަމަަޖައްްސަން. ނަމަވެސް އަޅުގަނޑަކަށް ނުފެނޭ މި ފައިސާ ހަމަޖައްސަން،" އަޒާން ވިދާޅުވިއެވެ. އަދި މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ގޮތަކަށް ކަންކަން ތަރުތީބުކޮށް އިސްލާހުކުރަން އިދާރާތަކުން ނިންމާފައި އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ އެހެނިހެން އިދާރާތަކުން މައުލޫމާތު އޮޅުންފިލުވުމަށް އޭނާ ހުށަހެޅުއްވި އެވެ. 

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމުވެސް ވިދާޅުވީ އެ ފައިސާ ހަމަޖެއްސުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ބޮޑުވާނެ ގޮތަކަށް އިތުރު އެއްވެސް ފިޔަވަޅެއް އެޅުމަށް ތާއީދުނުކުރައްވާ ކަމަށާއި ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކާ އެއްގޮތަށް މި މައްސަލަ ކުރިއަށްގެންދަން އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޖުޑީޝަރީން މިހާރު ނަގާފައިވާ އިންޝުއަރޭންސް ކަވަރޭޖުގެ އަގު ޕްރިމިއަމަށްވުރެ ބޮޑުވުމުގެ ސަބަބުން ފަނޑިޔާރުން ގެންދަވަނީ ޕްރިމިއަމްގެ 10 އިންސައްތަ އެ ބޭފުޅުން އަމިއްލަފުޅަށް ދައްކަވަމުންނެވެ. ޖޭއެސްސީން ހުށަހަޅާފައިވަނީ އެ ދިހަ އިންސައްތަ ދެއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން ހަމަޖައްސައިދިނުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.