ޔުނިވާސިޓީ ދަރަޖަ ދިނުމުގެ ޝަރުތުތައް ލުއިކުރަން އިސްލާހު ހުށަހަޅައިފި

މަތީ ތައުލީމާ ބެހޭ ބިލަށް އިސްލާހު ހުށަހަޅުއްވަމުން މެންބަރު ރިފާއު ވަނީ، 20 އަހަރުން ޔުނިވާސިޓީ ދަރަޖަ ދޭގޮތަށް އޮތް މާއްދާއަށް ބަދަލު ގެނެސް، އެ މުއްދަތު 15 އަހަރަށް ކުޑަކުރަން ހުށަހަޅާފަ އެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު -- ފޮޓޯ: މަޖިލިސް

މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނަށް ޔުނިވާސިޓީ ދަރަޖަ ދިނުމުގައި ބަލަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގާނޫނު އިސްލާހުކުރުމުގެ ބިލެއް ހުށަހަޅުއްވައިފި އެވެ.   

މިއަދުގެ މަޖިލީހުގެ އެޖެންޑާ 6 ނަންބަރުގައި އޮތީ "މަތީ-ތައުލީމާއި ތަމްރީނު"ގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ދެވަނަ ކިއުމެވެ. މަޖިލީހުގެ ތަޅުމުގައި އެ ބިލު ހުށަހަޅުއްވަމުން ސަރުކާރު މެންބަރު ރިފާއު ވިދާޅުވީ، މި އިސްލާހު ފާސްވުމުން މަތީ ތައުލީމުދޭ ތަންތަނުގެ ތެރެއިން ގިނަ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ދެވިގެން ދާނެ ކަމަށާއި، އެއީ ހުރިހާ ރައްޔިތުންނަށް ވެސް އެކަމުން ފައިދާ ވާނެ ކަމެއް ކަމަށެވެ. 

"ކޮލެޖަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމުން އެތަނުން ތައުލީމު ހާސިލުކޮށްފައި ތިބޭ ދަރިވަރުން ދުނިޔޭގެ އެހެން ތަނަކަށް ދާއިރު އެކުދިންނަށް ފުރުސަތު ފަހިވޭ. ދިވެހި ޒުވާނުންނަށް މިއަދުގެ ސަރުކާރުން ފުރުސަތުތައް އިތުރުކުރަމުން ދާއިރު، އަދި ސަރުކާރުގެ މެނިފެސްޓޯއަށް ބަލާއިރުވެސް އެންމެ އިސްކަމެއް ދީފައި ވަނީ ޒުވާނުންގެ ތަރައްގީއާ ކުރިއެރުމަށް. މިއަދު ދިވެހި ޒުވާނުންނަށް ސަރުކާރުން ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަމަކީ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުން" ރިފާއު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކެއްގެ ވަސީލަތްތަކެއް ފުރިހަމަ ވާން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮތް އޮތުމުގެ ސަބަބުން، މިނިސްޓްރީގެ ބޭފުޅުންނާއި މިނިސްޓަރު ބޭނުން ގޮތަކަށް ކަންކަން ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބަދަލުގައި އަލަށް ގެންނަ އިސްލާހުގައި ޔުނިވާސިޓީތަކުގައި ފުރިހަމަވާން ޖެހޭނެ ކަންކަން ކަނޑައަޅާފައިވަނެކަން ރިފާއު ފާހަގަކުރެއްވި އެވެ. 

މި ބިލުގައި ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި އާޓް އެންޑް ހިއުމަނިޓީޒް، އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗްރަލް ސައިންސް އަދި ސޯޝަލް ސައިންސަސް ފަދަ ދާއިރާތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވަލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުންދިއުން ހިމެނެ އެވެ.

އެ ގާނޫނުގައި މިހާރު އޮތް ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވުން ހިމެނެ އެވެ.

ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވުން އަދި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައިވުމާއި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިހާރު ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން ކޮލެޖެއްގެ ގޮތުގައި މެދެކުނޑުމެއް ނެތި ހިންގަންޖެހޭނީ 15 އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.