މި ގްރާންޓްގެ ދަށުން ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގްރޫޕްތަކަށް 500 އާއި 1500 ޔޫރޯ އާއި ދެމެދުގެ އަދަދެއް ލިބެ އެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް 3000 އާއި 5000 ޔޫރޯ އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.
ގްލޯބަލް ޔޫތު މޮބިލައިޒޭޝަން މެދުވެރިކޮށް އީޔޫގެ ޔޫތު އެމްޕަވާމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުޅުވާލައިފި އެވެ.
އީޔޫ ޔޫތު އެމްޕަވަމަންޓް ފަންޑަށް ހުޅުވާލާފައިވާ ފުރުސަތަކީ ޔޫރަޕިއަން ޔޫނިއަން އާއި ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕާޓްނަޝިޕެއްގެ ބައެއް ކަމަށެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ގްރާންޓްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އިނޮވޭޓިވް ލޯކަލް ޕްރޮޖެކްޓްތަކަށް ފައިސާ ދީގެން އެމީހުންގެ މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުން ކަމަށެވެ.
މި ގްރާންޓްގެ ދަށުން ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގްރޫޕްތަކަށް 500 އާއި 1500 ޔޫރޯ އާއި ދެމެދުގެ އަދަދެއް ލިބެ އެވެ. އަދި، ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް 3000 އާއި 5000 ޔޫރޯ އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.
މި ގްރާންޓަށް އެދި ހުށަހެޅޭނީ 14 އަހަރާއި 30 އަހަރުގެ ޒުވާނުންނަށެވެ. ނުރަސްމީ ގުރޫޕުތަކަށާއި ރަޖިސްޓްރީ ކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް ވެސް ކުރިމަތި ލެވޭނެ އެވެ.
އެސްޑީޖީތަކާ އެއްގޮތަށް ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ މަޝްރޫއުތަކަށް ގްރާންޓް ދޫކުރުމުގައި ފޯކަސް ކުރަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތެރޭގައި އަޑުއުފުލުމުގެ ފުރުސަތު ލިބިފައިނުވާ ގްރޫޕުތަކާއި، ޖެންޑާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު ފަންތީގެ ފަރާތްތަކާއި ތަމްސީލު ނުކުރެވޭ ގްރޫޕްތަކުން ކުރިމަތިލާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ އެވެ.
މި ގްރާންޓަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ފޯމުތައް އިނގެރޭސި، އަރަބި، ފްރެންޗް އަދި ސްޕެނިޝް ބަހުން ލިބެން ހުންނާނެ އެވެ.