އަމާޒަކީ މަސްވެރިކަމުގައި ބޭނުންކުރާ ހަކަތައިގެ %35 އިއާދަކުރަނިވި ހަކަތައިން އުފެއްދުން: ޝިޔާމް

ޝިޔާމު ފާހަގަކުރެއްވީ މަސްވެރިކަމުގެ ސިނާއަތަކީ "ފެހި" ސިނާއަތަކަށް ހެދުމުގެ ގޮތުން އިއާދަކުރަނަވި ހަކަތައަށް ބޮޑު އިންވެސްޓުމެންޓުތަކެއް ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމަފަައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް -- ފިޝަރީޒް

ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް ފިޝަރީޒް އެންޑް މެރިން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވީ ދަނޑުވެރިކަމާއި ކާނާއާ ބެހޭ އދގެ އެޖެންސީ "ފުޑް އެންޑް އެގްރިކަލްޗާ" އޯގަނައިޒޭޝަނުގެ މަސްވެރިކަމާ ބެހޭ ކޮމިޓީގައި އިއްޔެ ދެއްކެވި ވާހަކަފުޅުގަ އެވެ. ޝިޔާމު ވިދާޅުވި ގޮތުގައި ކަނޑުތަކަކީ ކާބަފައިން ކިނބައިން ވާރުތަވި ވަސީލަތަކަށްވުމުގެ އިތުރަށް އެއީ މުސްތަގުބަލުގެ ޖީލުތަކުން ދަރަންޏަށް ނަގައިގެން ބޭނުންކުރަމުންދާ ވަސީލަތެކެވެ. 

ދިވެހިރާއްޖޭގެ އިގުތިސާދަށާއި ދިވެހިންގެ ދިރިއުޅުމަށް މަސްވެރިކަމުގެ މުހިއްމުކަން ދެނެގަނެ މަސްވެރިކަމުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ރާއްޖެއިން ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ އިންސާނުންގެ ދިރިއުޅުމާއި ކަނޑުގެ ދިރުމުގެ މެދުގައި ތިލަފަތްހަމަ ގުޅުމެއް ބޭއްވިދާނެ ކަމުގެ ރިވެތި ނަމޫނާއެއް ކަމަށެވެ. 

ރާާއްޖެއިން ކަނޑުތައް ހިމާޔަތްކުރުމަށާއި މަސްވެރިކަމުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެ ޝިޔާމު ފާހަގަކުރެއްވީ މަސްވެރިކަމުގެ ސިނާއަތަކީ "ފެހި" ސިނާއަތަކަށް ހެދުމުގެ ގޮތުން އިއާދަކުރަނަވި ހަކަތަ ބޭނުންކުރުމަށް ބޮޑެތި އިންވެސްޓުމެންޓުތަކެއް ކުރަމުންދާ ކަމަށެވެ. 

"ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރުގެ ދަށުން އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހަކަތައިގެ %35 އިއާދަކުރަނަވި ހަކަތައިން އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، އެގޮތުން މަސް ފިޔަވައި ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގުދުރަތީ ކާރިސާތަކާއި ބައިނަލްއަގުވާމީ ހާދިސާތަކުން ކުރާ އަސަރު ބޮޑު ކަމަށެވެ. އަދި މުދާ ބޭރުކުރަަން ކުރާ ހަރަދާއި، މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. 

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ގައުމުތަކުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ބޮޑުވުމެވެ. އެހެންކަމުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވިޔަފާރިކުރަން ހުރި ހުރަސްތައް ނައްތައިލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިހާރުގެ ހާލަތުން މަޖުބޫރުވަނީ ރާއްޖެއިން ބާނާ މަސް ރޯ މަހުގެ ގޮތުގައި ބޭރުކުރަން ކަމަށާއި، މިހާރު ސަރުކާރުގެ އަމާޒަކީ އެ ހާލަތު ބަދަލުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.