އިސްރާފު ކުޑަކުރުމުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތްވި: ނައިބު ރައީސް

ގައުމުގެ ތަހުޒީބާއި ކުރިއެރުމާއި ކާމިޔާބީތައް ދެމެހެއްޓުމުގައި، ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުވާއިރު ކޮރަޕްޝަނާއި ފަސާދައިން މުޖްތަމައު ސަލަމަތްވެފައި އޮތުން ވެސް މުހިންމެވެ.

ރޭ އޭސީސީން ބޭއްވި ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވާހަކަފުޅު ދައްކަވަނީ

ދިވެހި ދައުލަތުގެ ފައިސާއިން އިސްރާފުވާ ގޮތަށް ކުރަމުންދިޔަ ކަންކަން މި ސަރުކާރުން ހުއްޓާލުމުން، ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓައިޒްޑް ޕްލެޓްފޯމް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ރޭ ވިދާޅުވީ ގައުމުގެ ތަހުޒީބާއި ކުރިއެރުމާއި ކާމިޔާބީތައް ދެމެހެއްޓުމުގައި، ނަޒާހާތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމުވާއިރު ކޮރަޕްޝަނާއި ފަސާދައިން މުޖްތަމައު ސަލަމަތްވެފައި އޮތުން ވެސް މުހިންމު ކަމަށެވެ. 

ރޭ، ހުޅުމާލޭގެ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ ރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާ ކަމަށެވެ. 

ރައީސް މުއިއްޒު، މަގާމުގެ ހުވައި ކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގުރީރުގައި ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުންކަން ފާހަގަ ކުރައްވައި އެއީ ކޮރަޕްޝަންގެ ދޮރުތައް ބަންދު ކުރަން އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒު އެޅުއްވި މުހިންމު އެއް ފިޔަވަޅަކީ އެކި ނަންނަމުގައި ދައުލަތުން ބަދަލު ދިނުމަށް ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމެންޓް ކޮމެޓީ އުވާލެއްވުމާއި މަޝްރޫއުތަ ހިންގުމުގެ ނަމުގައި ތިން ގުނަ އިތުރަށް ދައުލަތުން ކުރަމުން ދިޔަ ހޭދަ ހުއްޓުވައި، ދައުލަތުގެ ފައިސާ އިސްރާފުވާ ގޮތަށް ހުރި އެތައް ކަމެއް ހުއްޓުމަކަށް ގެންނެވުން ކަމަށެވެ. 

"މަޝްރޫއުތައް ހިންގަން ތިން ގުނަ އިތުރަށް ހޭދަ ކުރުން ހުއްޓުމަކަށް ގެނެސް ދައުލަތުގެ މާލީއްޔާއިން ކުރަމުން ދިޔަ ހަރަދުތަކަށް އެމަނިކުފާނު ނޫނެކޭ ވިދާޅުވެ ހުއްޓުމަކަށް ގެނެސްދެއްވި. އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ މިހާރު ވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި." ނައިބު ވިދާޅުވިއެވެ.

ރޭގެ އެ ހަފުލާގައި ނައިބު ރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފުތިތާހު ކޮށްދެއްވައި އެ ކޮމިޝަނަށް ޚިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެ ކޮމިޝަނުގެ ފަރާތުން ދެއްވި "ސާވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.