މޫސަ ވިދާޅުވަނީ އެމްޑީޕީގެ ލީޑާޝިޕުގައި ވެރިކަމުގެ ކޯޅުން އުފެދިފައިވާ ކަމަށް

އެމްޑީޕީގެ ލީޑާޝިޕުގެ އެންމެ އިސް ދެ ބޭފުޅުން ރައީސަށް ދެއްވި ރައްދު ތަފާތުވުމަކީ އެ ބޭފުޅުންގެ މެދުގައި ވެރިކަމާ ހެދި ކޯޅުން އޮތްކަމުގެ ހެއްކެއް ކަމަށް މޫސަ ވިދާޅުވި އެވެ.

ރީކޯ މޫސާ މަނިކު

އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުގެ ތެރޭގައި ވެރިކަމުގެ ކޯޅުން އުފެދިފައިވާކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. 

މޫސަ މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންސީ ހައުސްގައި ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައި ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގެންނަންޖެހޭ ނިޒާމީ ބައެއް އިސްލާހުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލު އެކްސްގައި ދެއްވި ރައްދު ތަފާތުވުމުންނެވެ. 

ރޭ ވެރިކަން ކުރާ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ކައުންސިލުތައް މިހާރު ހުރީ ރާއްޖޭގެ މާލީ ހާލަތާ އެކަށޭނެ މިންވަރަށްވުރެ ބޮޑުކޮށްކަން ފާހަގަކުރައްވައި، ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާނެކަން އިއުލާނު ކުރައްވާފަ އެވެ.

"ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ޖެހޭ. ކައުންސިލްތަކުގެ ސައިޒު ނުކަތާހާ ބޮޑު،" ރައީސް މިރޭ ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ކުދިކުދި އާބާދީތަކަށް ފަސް މެންބަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކަށް ހަތް މެންބަރުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އާބާދީ މަދު ރަށްތަކަށް ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމު ހަނިކޮށް ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި / ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ މާނައެއް އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވެ އެ ގޮތް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ އަތޮޅު ކައުންސިލް އުފައްދާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާ އަތޮޅު ކައުންސިލްތަކުގެ ސައިޒު ވެސް ކުޑަކޮށް ނަތީޖާ ނެރެވޭނެ ގޮތަކަށް ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ޝާހިދު ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމު އޭގެ ޅަފަތުގައި މަރައިލަން ކަމަށެވެ. އަދި އޭނާ ސިފަ ކުރެއްވި ގޮތުގައި ސަރުކާރު ހިންގަވަން ތިއްބެވީ ރަށްރަށުގެ އާންމު ހާލަތު ސާފުވެވަޑައިނުގަންނަވާ ބޭފުޅުންތަކެކެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ.،" ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ޝާހިދު ވިދާޅުވެފައިވަނީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުވުމުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.

ފައްޔާޒުގެ ރައްދުގައި ވިދާޅުވެފައިވަނީ ނިޒާމީ އިސްލާހުތަކަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ކައުންސިލުތައް ކުޑަކުރުމާއި މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދައިގެން ކަމަށެވެ. ސަރުކާރުން އަމަލުކުރާ ގޮތުން އިސްލާހީ ބަދަލުތައް ގެނައުމުގެ އިހުލާސްތެރި ނިޔަތެއް އޮތްކަމާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވި ނަމަވެސް ގައުމަށް ރަނގަޅު ހަރުދަނާ ބަދަލެއް ގެންނަނަމަ އެކަމަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ދެ ބޭފުޅުން އެއް މައްސަލައެއްގައި ދެއްވި ރައްދުގައި ހުރި ފަރަގުތަކަށް އިޝާރާތްކުރައްވަމުން މޫސަ ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ ރައީސާއި ޗެއާޕާސަން ދެއްވި ރައްދަށް ބަލައިލުމުން ލީޑާޝިޕުގައި ވެރިކަމާހެދި ކޯޅޭ ކޯޅުން ވަރަށް ސާފު ކަމަށެވެ. 

އިތުރަށް މޫސަވަނީ ކައުންސިލުތައް ކުޑަކުރުން ފަދަ ކަންކަމުގައި އިދިކޮޅު ޕާޓީގެ ވެރިން އެކައްޗެއް ކިޔުއްވުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.