އެމްޑީޕީގެ ނައިބުރައީސަކަށް ހިސާންގެ ނަންފުޅު ޝާހިދު ހުށަހަޅުއްވައިފި

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިސާން ޕާޓީގެ ނައިބުރައީސްގެ މަގާމައަށް އައްޔަންކުރެއްވުމަށް ނިންމަވައި، އޭނާ އެ މަގާމަށް އައްޔަންކުރުމަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ހުށަހަޅުއްވައިފި ކަމަށެވެ.

ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން، ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ނައިބުރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހިސާން ހުސައިން ހަމަޖެއްސުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި އެވެ. 

އެމްޑީޕީގެ ނައިބުރައީސްގެ މަގާމު ހުސްވީ އެ މަގާމަށް އެންމެ ފަހުން އާންމު މެންބަރުންގެ ވޯޓަކުން އިންތިހާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު އެ މަގާމުން އިސްތިއުފާ ދެއްވައި އެމްޑީޕީން ވަކިވެވަޑައިގަތުމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެ ޕާޓީގެ ނައިބުރައީސަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަގާމެކެވެ. ޕާޓީގެ ރައީސަށް އެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށްވެސް އަސާސީ ގަވާއިދުގައި ބަޔާންކުރެ އެވެ. 

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހިސާން ޕާޓީގެ ނައިބުރައީސްގެ މަގާމައަށް އައްޔަންކުރެއްވުމަށް ނިންމަވައި، އޭނާ އެ މަގާމަށް އައްޔަންކުރުމަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް މިއަދު ހުށަހަޅުއްވައިފި ކަމަށެވެ. 

އަދި ހިސާން ޕާޓީއަށާއި ޕާޓީގެ އާންމު މެންބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތަކަށް ބައްލަވާއިރު، އޭނާއަކީ ޕާޓީގެ ނައިބުރައީސަކަމަށް އެންމެ އެކަށީގެންވާ ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވި ގޮތުގައި ހިސާން އެ މަގާމަށް އައްޔަންކުރެއްވުމަށް ހުށަހެޅުއްވުމުގައި އިތުރަށް ބެއްލެވީ އެމްޑީޕީގެ އިސް މަގާމުތަކުގައި އަންހެން ބޭފުޅުން މަދު ކަމަށެވެ. 

ހިސާނުވަނީ ޝާހިދުގެ ހުށަހެޅުއްވުން ގަބޫލުކުރައްވައި ޝުކުރު އަދާކުރެއްވުމާއެކު ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ. 

ހިސާނަކީ 2008 ވަނަ އަހަރު ގާއިމުވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމަށްފަހު އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި އެ ޕާޓީގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވި ވަކީލެކެވެ. 

ފާއިތުވި ދައުރުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ ހިސާނެވެ. އެ މަގާމުގައި ހުންނެވިއިރު ޖުޑީޝަރީއަށް ނުފޫޒު ފޯރުއްވިކަމުގެ ތުހުމަތު އެއިރުގެ އިދިކޮޅު ފަރާތްތަކުން ހިސާނަށް އަމާޒުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.