އިސްލާހުތައް ގެނައުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނުފެނޭ، ހަރުދަނާ ބަދަލުތަކަށް މަރުހަބާ ކިޔާނަން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ ކައުންސިލުތަކާއި މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަންޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒު ކުރުމުގައި ސަރުކާރުތަކުގެ އިހުލާސްތެރިކަމެއް ހުރި ކަމަކަށް ނުފެނުނު ނަމަވެސް ހަރުދަނާ ރަނގަޅު ބަދަލުތަކެއް ގެންނަނަމަ އެ ބަދަލުތަކަށް މަރުހަބާ ވިދާޅުވާނެކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ. 

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަައްމަދު މުއިއްޒު އިއުލާނު ކުރެއްވި އިސްލާހުތަކާ ގުޅިގެން މިއަަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް އަންނަންޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ. 

ރޭ ރައީސް އިއުލާނު ކުރެއްވި އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާއި، ލޯކަލް ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުން ފަދަ އިސްލާހުތައް ހިމެނެ އެވެ. އެ އިސްލާހުތައް ގެނައުމަށް ގާނޫނުއަަސާސީއަށާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

އެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަައި ފައްޔާޒު ވިދާޅުވީ ކައުންސިލުތަކާއި މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަންޖެހޭނެ ކަމަށެވެ. އޭގެ އިތުރަށް "ދެބޯގެރި ދުއްވުމުގެ" ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން މުހިއްމުކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ފައްޔާޒު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކަމަށް ވަޒީރުން ވިދާޅުވާއިރު، އަނެއް ކޮޅުން ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކުމުން މާލިއަޔަތާއި އިގުތިސާދު ރަނގަޅަށް އޮތަސް ރައްޔިތުންނާއި އިންވެސްޓަރުންނާއި ފައިނޭންސްރުންގެ އިތުބާރު ގެއްލިދާނެ ކަމަށެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ގިނަ ބަދަލުތަކުގައި އިހުލާސްތެރިކަމެއް ހުރިކަމަށް ފެނިވަޑައިނުގަންނަވަ އެވެ. 

އޭގެ އިތުރަށް މިހާރުން މިހާރަށް ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދޭނެ ގޮތެއްގައި ވާހަކަ ސަރުކާރުން ހާމަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ވިޔަފާރިވެރިތަކަށާއި ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާ ނުދެވޭކަން ފާހަގަކުރައްވައި ފައްޔާޒު ގޮވައިލެއްވީ އެ ފައިސާ ދޭނެ ގޮތުގެ ވާހަކަ ދަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ. 

"އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ. ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު،" ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުން ހަރުދަނާ ރަނގަޅު ބަދަލުތަކެއް ގެންނަނަމަ އެ ބަދަލުތަކަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅަށް ސާފުނުވެ "ވާނުވާ"ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.