ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު މަސް ކިރުވި މިންވަރު 39.5 އިންސައްތަ ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު 39.5 އިންސައްތަ ދަށްވެއްޖެ އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ޖަނަވަރީން ފެށިގެން މޭ މަހުގެ ނިޔަލަށް މަސް ކުންފުނިތަކުން ކިރުވާފައިވަނީ 31،873.2 މެޓްރިކް ޓަނުގެ މަހެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 52،657.6 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ.
އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު މަސް ކިރުވި މިންވަރު 39.5 އިންސައްތަ ދަށްވެފައިވެ އެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި 45،921 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު މި އަހަރު ކިރުވާފައިވަނީ 25،957 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. އަދި 6،606.5 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކިރުވިއިރު މި އަހަރު ކިރުވާފައިވަނީ 5،825.5 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި އެވެ. ކަޅުބިލަމަސް ކިރުވި މިންވަރު 43.5 އިންސައްތަ ދަށްވިއިރު، ބޮޑު ކަންނެލި ކިރުވި މިންވަރު 11.8 އިންސައްތަ ދަށްވެފައިވެ އެވެ.
މަސް ކިރުވި މިންވަރުގެ އިތުރަށް ރާއްޖެއިން ބޭރަށް މަސް ބޭރުކުރި މިންވަރުވެސް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން މި އަހަރުގެ އެ މުއްދަތުގައި 45.6 މިލިއަން ޑޮލަރުގެ މސް ބޭރުކޮށްފައިވާއިރު ފާއިތުވި އަހަރު 80 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު ދަށްވުމުގެ ސަަބަބުން ފާއިތުވި އަހަރަށްވުރެ މި އަހަރުގެ އެކްސްޕޯޓުވަނީ ދަށްވެފަ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އެ މުއްދަތުގައި 205.4 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން ބޭރުކުރިއިރު، މި އަހަރު ބޭރުކޮށްފައިވަނީ 190.4 މިލިއަން ޑޮލަރުގެ މުދަލެވެ.
އެކްސްޕޯޓު ދަށްވިއިރު އެންމެ ބޮޑަށް ދަށްވެފައިވަނީ ޑޮމެސްޓިކް އެކްސްޕޯޓު ނުވަތަ ދާހިލީ އުފެއްދުންތައް ބޭރުކުރި މިންވަރެވެ. އެގޮތުން ދާހިލީ އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓުކޮށްފައިވަނީ 50.2 މިލިއަން ޑޮލަރުގެ މުދަލެވެ. ފާއިތުވި އަހަރު 84.7 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ.
ޖުމްލަ އެކްސްޕޯޓު ފާއިތުވި އަހަރަށްވުރެ %7.0 ދަށްވެފައިވާއިރު، ދާހިލީ އުފެއްދުންތައް އެކްސްޕޯޓު ކުރި މިންވަރު 40.7 އިންސައްތަ ދަށްވި އެވެ.