މެންބަރު ވިދާޅުވި ގޮތުގައި ކަންކަމުގެ ހަގީގަތް ސާފުކޮށް އެނގިވަޑައިގެން ތިއްބަވައި އެމްޑީޕީ މެންބަރުން ކުއްލި މައްސަލަތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަނީ މަޖިލީހުގައި ކުރަން ހުރި ގައުމީ ބޮޑެތި މުހިއްމު މަސައްކަތްތައް ހުއްޓުވުމަށެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަމުންދަނީ ސަރުކާރުން ކުރަމުންދާ މުހިއްމު ގައުމީ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކޮޕީ ރައިޓް ބިލަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މުހިއްމު. އަދި ރައްޔިތުންނަށް ދުރު ރާސްތާގައި ބޮޑު ލާބައާއި މަންފާ ކުރާނެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމްޑީޕީން ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހަޅަމުންދާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަަށެވެ.
މަމްދޫހު މިފަދައިން ވިދާޅުވިއިރު މިއަދު އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހީމު ނާޒިލުވަނީ ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ސަރުކާރުން ފައިސާ ޖަމާނުކުރާކަމަށް ބުނެ، އެ ފައިސާ ޖަމާކުރުން އަވަސް ކުރުމަށް ގޮވައިލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސްކޮލިޝިޕްތަކާއި ސްޓޫޑެންޓް ލޯނު ތައާރަފްކޮށް 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ.
އޭގެ ތެރެއިން ގިނަ ދަރިވަރުން ރާއްޖޭން ބޭރުގައި މިއަދު މަތީތައުލީމު ހާސިލް ކުރަމުންދާއިރު، އެކުދިންނަށް މި ސަރުކާރުން ދޫކުރަން ޖެހޭ ފައިސާ ދޫނުކުރާތީ ޝަކުވާތައް ލިބެމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުދީ ލަސްކުރަމުންދާއިރު، ބައެއް ދަރިވަރުންނަށް ފައިސާ ދިނުން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ އޭގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑަށް ދަތިވަމުން އަންނަ ކަމަށެވެ. ކޮލެޖު ފައިސާ ނުދެއްކި ބްލެކް ލިސްޓު ވުމުގެ މަގުމަތީގައި ބައެއް ކުދިން ތިބިއިރު، ތިބޭ ތަނުގެ ކުލި ވެސް ދައްކަން ކުދިންނަށް ދަތިވަމުން އަންނަ ކަމަށެވެ. މިގޮތަށް ދާނަމަ އެކުދިން މަގުމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެ ދަރިވަރުންނަށް ފައިސާ ނުދިން ނަމަވެސް، ދައުލަތުގެ ތިޖޫރީ ހުސްކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ވެރިންގެ ގެތަކަށް ބޮޑެތި ހަރަދު ކުރަމުންދާއިރު ސިޔާސީ މުވައްޒަފުން އިތުރުކޮށް އެމީހުންނަށް ބޮޑު މުސާރަ ދެމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓާލައި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ވަނީ ގޮވާލައްވާފަ އެވެ.
ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންވަނީ ނިންމާފަ އެވެ. 59 މެންބަރުންގެ ވޯޓުން ވަނީ މައްސަލަ ބޭރުކޮށްލިއިރު، މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީގެ 12 މެންބަރުންނެވެ.
އެ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ މިއަދު ހުށަހެޅި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ކަން އޮތް ގޮތް ބެއްލެވުމެއް ނެތި ކަމަށެވެ. އެގޮތުން ފާއިތުވި ބުރާސްފަތި ދުވަހުވެސް ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން މިންވަރެއް ސަރުކާރުން ދޫކޮށްފައިވާަކަމަށާއި، މިއަދުވެސް އެ ފައިސާއިން ބައެއް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ހަގީގަތުގައިވެސް ކަންކަން އޮތް ގޮތާއި ނެތް ގޮތް ނުބަލައި މިއަދުވެސް ހުށަަހެޅިގެން މިދިޔައީ މިފަދަ މުހިއްމު ބިލަކަށް ބަހުސް ކުރަން އޮއްވަ ކުއްލި މައްސަލައެއް. ހަމަގައިމުވެސް އަޅުގަނޑަށް ޔަގީން އެބޭފުޅުންނަށްވެސް ބަލައިލެވޭނެ އެބޭފުޅުންނަށްވެސް ސާފުކޮށްލެވެން އޮތް ކަންކަން މިއީ. މިދިޔަ ބުރާސްފަަތި ދުވަހު މިފަދަ ލޯނުތަކަށް ފައިސާަ ދޫކޮށްފައިހުރީ މިއަދުވެސް ދޫކުރާނެ،" މަމްދޫހު ވިދާޅުވި އެވެ.
އިތުރަށް މެންބަރު ވިދާޅުވީ ކަންކަމުގެ ހަގީގަތް ސާފުކޮށް އެނގިވަޑައިގެން ތިއްބަވައި އެމްޑީޕީގެ މަޖިލިސް މެންބަރުން ކުއްލި މައްސަލަތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަނީ މަޖިލީހުގައި ކުރަން ހުރި ގައުމީ ބޮޑެތި މުހިއްމު މަސައްކަތްތައް ހުއްޓުވައި، އެ މަސައްކަތްތަކަށް ހުރަސްއަޅައި މަޖިލީހުގެ ވަގުތު ބޭކާރު ކުރުމުގެ ނިޔަތުގަ އެވެ.
"ސާފުކޮށް އެނގި ތިބެ އެމްޑީޕީގެ މެންބަރުން މި މަޖިލީހުގައި ކުރަން ހުރި މުހިއްމު ގައުމީ މަސައްކަތްތަކަށް ހުރަސްއަޅަންވެގެން މިއަދުވެސް އަނެއްކާވެސް ކުއްލި މައްސަލަ [ހުށަހަޅުއްވަނީ]. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަންކަމަށް ކޮންމެވެސް ކަހަލަ ބެރިއާއެއް އަންނަން އެބަޖެހޭ ހަގީގަތުގައި،"
އިތުރަށް ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ މަޖިލީހުގައި ކުރަން ހުރި މުހިއްމު މަސައްކަތްތަކަށް ހުރަސް ނޭޅޭނެހެން އެ މަސައްކަތްތައް މަޑުނުޖެހޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.