ކައުންސިލުތައް ކުޑަކުރަން އެމްޑީޕީން ދެކޮޅު، އަބްދުއްރަހީމުގެ ރައްދު

އަބްދުއްރަހީމު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ނުކުމެ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ގައުމު ބަނގުރޫޓުކުރި ބަޔަކީ ކޮބައިކަން އެނގޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ލޯކަލް ކައުންސިލުތަކުގެ ސައިޒް ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމި ނިންމުމާ އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ. 

ރޭ ވެރިކަން ކުރާ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ކައުންސިލުތައް މިހާރު ހުރީ ރާއްޖޭގެ މާލީ ހާލަތާ އެކަށޭނެ މިންވަރަށްވުރެ ބޮޑުކޮށްކަން ފާހަގަކުރައްވައި، ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާނެކަން އިއުލާނު ކުރައްވާފަ އެވެ. 

"ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ޖެހޭ. ކައުންސިލްތަކުގެ ސައިޒު ނުކަތާހާ ބޮޑު،" ރައީސް މިރޭ ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ކުދިކުދި އާބާދީތަކަށް ފަސް މެންބަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކަށް ހަތް މެންބަރުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އާބާދީ މަދު ރަށްތަކަށް ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމު ހަނިކޮށް ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި / ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ މާނައެއް އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވެ އެ ގޮތް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ އަތޮޅު ކައުންސިލް އުފައްދާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާ އަތޮޅު ކައުންސިލްތަކުގެ ސައިޒު ވެސް ކުޑަކޮށް ނަތީޖާ ނެރެވޭނެ ގޮތަކަށް ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވައިލަން ކަމަށެވެ. އަދި އޭނާ ސިފަ ކުރެއްވި ގޮތުގައި ސަރުކާރު ހިންގަވަން ތިއްބެވީ ރަށްރަށުގެ އާންމު ހާލަތު ސާފުވެވަޑައިނުގަންނަވާ ބޭފުޅުންތަކެކެވެ. 

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ.،" ޝާހިދު ވިދާޅުވި އެވެ. 

އިތުރަށް ޝާހިދު ވިދާޅުވެފައިވަނީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުވުމުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ. 

ޝާހިދުގެ މި ވާހަކަފުޅަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު ބަނގުރޫޓުކޮށްލީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ގައުމު ބަނގުރޫޓުކުރި ބަޔަކީ ކޮބައިކަން އެނގޭތީ ކަމަށްވެސް ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން އޭގެ ފުރިހަމަ މާނާގައި ރައްޔިތުންނަށް ހޯދައިދޭނެ ސަރުކާރަކީ ރައީސް މުއިއްޒުގެ ސަރުކާރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި ގާއިމުކޮށްފައި އޮތް ކައުންސިލުތަކުގެ ނިޒާމަކީ ރާއްޖޭގެ މާލީ ހާލަތާ އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ނަތީޖާ ނުނެރެވޭ ނިޒާމެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެ އެވެ. އަދި އެ ނިޒާމު އިސްލާހު ކުރުމަކީ މާލީ ގޮތުން ދައުލަތަށް ކުރިމަތިވެފައިވާ ހިރާސްތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަމެއް ކަމުގައި މާލީ އިދާރާތަކުން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.