ބަންކަރިން ހިދުމަތަށް 2 ޓޭންކަރު ގަނެފި، މަސް ދުވަސް ތެރޭ ފެށޭނެ

ސައީދު ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށްފަހު އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖޭގައި ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދެ ޓޭންކަރު ގަނެފައިވާ ކަމަށާއި، ކުރިއަށް އޮތް މަހެއްހައި ދުވަސް ތެރޭގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ވެރިކަން ކުރާ ކޮންގުރެސް ޕާޓީގެ މައި ޖަގަހަ "ޕީއެންސީ ހައުސް"ގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވީ އިގުތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަން ފިޔަވައި އެހެނިހެން ސިނާއަތްތައް ތައާރަފު ކުރުމުގެ ވާހަކައަކީ ކުރީގެ ސަރުކާރުތަކުގައި ދެއްކި ވާހަކައެއް ނަމަވެސް އައު ސިނާއަތެއް ރާއްޖެއަށް ގެނައުމަށްޓަކައި އަމަލީ ގޮތުން މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. 

"އެއްވެސް ސަރުކާރެއްގައި އާ އިންޑަސްޓްރީއެއް [ރާއްޖެއަށް] ގެންނަން، އިކޮނޮމީ ޑައިވަސިފައި ކުރަން ނުވަތަ ފުޅާކުރުމަށްޓަކައި ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރި ކަމެއް ހިތްޕުޅަށް ގެންނަވާ. އެންމެ ކަމެއް ހަމައެކަނި. ނޯންނާނެ.،" ސައީދު ވިދާޅުވި އެވެ.  

ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ބަރޯސާވެފައި އޮތް މިންވަރުގެ ބޮޑުކަމާއި، އެކަމުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވެފައި އޮތް ބޮޑު ހިރާހާއި ނުރައްކާ ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ހާލަތު ބަދަލު ކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ފެށިގެން ބަންކަރިންގެ ހިދުމަތް ތައާރަފުކުރުމުގެ ވާހަކަ ދެކެވުނުކަން ފާހަގަކުރައްވައި އޭނާވަނީ މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ބައެއް ތަފުސީލުތައް ހިއްސާ ކުރައްވާފަ އެވެ. 

"ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓުއަރިޒަމް. ޓެކްސްއާއި އެކި ގޮތް ގޮތުން ލިބޭ އާމްދަނީ. އެހެންނަމަވެސް ޓުއަރިޒަމް ކްރޭޝް ވެއްޖެއްޔާ ނުވަތަ ދުނިޔޭގައި ދިމާވާ އެއްވެސް ކަމަކުން ޓުއަރިޒަމަށް ހިޔަނި އެޅިއްޖެއްޔާ ދެން ހަދާނެ ގޮތެއް ދިވެހިންގެ ނެތް. މި ހާލަތު އެބަ ބަދަލުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު،" ސައީދު ވިދާޅުވި އެވެ. 

ބަންކަރިންގެ ހިދުމަތް ތިލަދުންމަތީގައި ތައާރަފު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެސްޓީއޯއިން ދެ ޓޭންކަރު ގަނެފައިވާ ކަމަށާއި، އަދި އެމްއެންޑީއެފްއާއި އެސްޓީއޯ ގުޅިގެން ޗާޓު އަޕްޑޭޓުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރަށް ސައީދު ވިދާޅުވީ އިކުއިޕްމެންޓު ހޯދުމާއި، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށް ކަމަށެވެ. 

އޭގެ އިތުރަށް ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ 40 ވަޒީފާއަށް މީހުން ނެގުމަށް އެސްޓީއޯއިން މީގެ ހަފުތާތަކެއް ކުރިން އިއުލާނު ކޮށްފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މަހެއްހައި ދުވަސް ތެރޭގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ރަސްމީކޮށް ބަންކަރިންގެ ހިދުމަތް އުތުރުގައި ފައްޓާނެ،" ސައީދު ވިދާޅުވި އެވެ. 

ބަންކަރިން ހިދުމަތް ފެށުމުން އިގުތިސާދަށް އަންނާނެ ބަދަލުތަކަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށްފަހު އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. 

"މި ޖުލައި މަސް ނިމޭއިރު ބަންކަރިން ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަންވާއިރަށް އަޅުގަނޑު މިދެންނެވި ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު، އޭގެ ތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އާ 400 މިލިއަން ޑޮލަރު ވަދެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

ޖީޑީޕީގެ ތެރެއަށް މި ފައިސާ އިތުރުވުމުގެ އިތުރަށް ކުދި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެ ސަރަހައްދުގައި އިތުރު ވަޒީފާތައްވެސް އުފެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ބަންކަރިން ތައާރަފުކުރަނީ ބޮޑު ކުންފުންޏަކާއެކު ބަންކަރިންގެ ހިދުމަތް ތައާރަފުކުރުމަށް މި ސަރުކާރުންވަނީ ތެލުގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނިކަމަށްވާ ވިޓޯލްއާއެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އެސްޓީއޯއާއި ވިޓޯލްގެ މެދުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން ވިޓޯލްއިން ބަންކަރިން ހިދުމަތް ދޭ ގައުމުތަކުގެ ޗާޓުގައި ރާއްޖެ މިހާރުވަނީ ހިމަނާފަ އެވެ. ބަންކަރިން ހިދުމަތަކީ މުދާ އުފާ ކާގޯ ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތެވެ. މި ހިދުމަތް ރާއްޖޭގައި ފެށުމުގެ ވާހަކައަކީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުން ފެށިގެން ހުރިހާ ސަރުކާރެއްގައި ދެކެވެމުން އައި ވާހަކައެއް ނަމަވެސް މިހާތަނަށް އެ މަސައްކަތް އެއްވެސް ސަރުކާރަކަށް ފެށިފައިނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.