ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ނޭޝަނަލް އެސެމްބްލީގެ 577 ގޮނޑީގެ ތެރެއިން 177 ގޮނޑިއާއި 198 ގޮނޑިއާ ދެމެދުގެ އަދަދަކަށް ގޮނޑި ވާތު ފިޔައިގެ އިއްތިހާދުން ކާމިޔާބުކުރާނެ ކަމަށް ބެލެވެ އެވެ.
ފަރަންސޭސިވިލާތުގެ ވާތުފިޔައިގެ ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދުން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް ސަރުކާރު އެކުލަވައިލާ ވެރިކަން ކުރަން ތައްޔާރަށް ތިބިކަން އިއުލާނު ކޮށްފި އެވެ.
"އަހަރުމެންނަށް އިންތިހާބު ކާމިޔާބުވެއްޖެ. އަހަރުމެން ވެރިކަން ކުރާނަން،" ފަރަންސޭސި ގްރީން ޕާޓީގެ އަމީން އާންމު މެރިން ޓޮންޑެލިއާ ޕެރިސްގައި ނޫސްވެރިންނާ މުހާތަބުކުރައްވައި ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ޕާޓީ އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދަށް ލިބުނު ކާމިޔާބަކީ އިޖުތިމާއީ އަދާލަތާއި ތިމާވެށީގެ އަދާލަތަށް ލިބުނު ނަސްރެކެވެ.
އިތުރަށް ޓޮންޑެލިއާވަނީ މި އިންތިހާބަކީ 1981 ވަނަ އަހަރު ފަހުން ފަރަންސޭސިން އެންމެ ގިނަ އަދަދަކަށް ވޯޓުގައި ބައިވެރިވި އިންތިހާބުކަން ފާހަގަކުރައްވައި، އެކަމުން މި އިންތިހާބު އެ ގައުމުގެ ރައްޔިތުންނަށް މުހިއްމުވީ މިންވަރު ސާފުވާކަމަށް ވިދާޅުވެފަަ އެވެ.
ގްރީން ޕާޓީގެ ލީޑަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންތިހާބު ކާމިޔާބުކުރި "ނިއު ޕޮޕިއުލާ ފްރަންޓް"އަކީ މި އިންތިހާބުގެ ތެރޭގައި އުފަންކުރި އިއްތިހާދެކެވެ. ގްރީން ޕާޓީގެ އިތުރަށް ސޯޝަލިސްޓުންނާއި ކޮމިއުނިސްޓުންނާއި ވާތު ފިޔައިގެ ސިޔާސީ ޕާޓީތައް ޝާމިލުވާ މި އިއްތިހާދަކީ މީގެ ހަތަރު ހަފުތާއެއްހަައި ދުވަސް ކުރިން އުފެއްދި އިއްތިހާދެކެވެ.
ފަރަންސޭސި މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ނޭޝަނަލް އެސެމްބްލީގެ 577 ގޮނޑީގެ ތެރެއިން 177 ގޮނޑިއާއި 198 ގޮނޑިއާ ދެމެދުގެ އަދަދަކަށް ގޮނޑި އެ އިއްތިހާދަށް ކާމިޔާބުވާނެ އެވެ.
އެ އިއްތިހާދުގައި ހިމެނޭ ވާތު ފިޔައިގެ ޕާޓީ، ފްރާންސް އަންބައުޑްގެ ރައީސް ޖޯންލޫކް މެލެންކޯން ވިދާޅުވީ ނިއު ޕޮޕިއުލާ ފްރޮންޓުން ސަރުކާރު އެކުލަވައިލުމަށް ދައުވަތު ދެއްވުމަކީ ރައީސް އެމެނުއެލް މެކްރޯންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އެމެނުއެލްގެ މެދުމިނުގެ އިއްތިހާދާއެކު ގުޅިގެން ސަރުކާރެއް އެކުލަަވައިލުމުގެ ވިސްނުމެއް ވާތު ފިޔައިގެ ޕާޓީތަކުން ނުގެންގުޅޭނެ އެވެ.
ވާތު ފިޔައިގެ ޕާޓީތަކަށް އިންތިހާބުގައި ބޮޑު ކާމިޔާބެއް ލިބުނު ނަމަަވެސް ފުރިހަމަ އަޣުލަބިއްޔަތު އެ ޕާޓީތަކަށް ކާމިޔާބުނުވެ އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު މެކްރޯންގެ އިއްތިހާދަށް 152 ގޮނޑިއާއި 169 ގޮނޑިއާ ދެމެދުގެ އަަދަދަކަށް ގޮނޑި ލިބޭނެ އެވެ. އަދި ކަނާތު ފިޔައިގެ ނޭޝަނަލް ރެލީ ޕާޓީއަށް 135 ގޮނޑިއާއި 145 ގޮނޑިއާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެ ކަމުގައި ބެލެވެ އެވެ. އެހެންކަމުން އެއްވެސް ގުރޫޕަކަށް ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުކަމަށްވާ 289 ގޮނޑި ކާމިޔާބުނުވާނެ އެވެ.
ވާތު ފިޔައިގެ ޕާޓީތަކަށް އިންތިހާބުގައި ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް އެ ޕާޓީތަކުގެ އިއްތިހާދުގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާފުނުވެ އެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ތަންފީޒުކުރާނެ އެއްބަސްވެވޭ ސިޔާސަތުތަކެއްވެސް ފެންނަން ނެތެވެ.
އެ އިއްތިހާދުގެ މައި ޕާޓީކަމަށްވާ ފްރާންސް އަންބައުންޑުގެ ލީޑަރު މެލެންކޯންއާމެދު އޭނާގެ އަމިއްލަ ޕާޓީގެ އެތެރޭގައި ދެބަސްވުންތައް އޮތްއިރު، އިއްތިހާދުވެފައިވާ ޕާޓީތަކުގެ ތެރެއިން ގިނަ ޕާޓީތަކުގެ ލީޑަރުންނާއި އާންމު މެންބަރުންގެ މެދުގައިވެސް އޭނާއަކީ މަގުބޫލު ބޭފުޅެއް ނޫނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ކަނާތު ފިޔައިގެ ނޭޝަނަލް ރެލީ ޕާޓީން ބޮޑު ކާމިޔާބެއް ހޯދުމަށްފަހު ދެވަނަ ބުރަށް މެކްރޯންގެ މެދުމިނުގެ އިއްތިހާދާއި ވާތު ފިޔައިގެ އިއްތިހާދުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލާ 200 ގޮނޑިއަކަށް އެ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓު ނެރުނެވެ. ނަތީޖާއެއްގެ ގޮތުން އިންތިހާބުގެ ދެވަނަ ބުރުގައި ކަނާތު ފިޔައިގެ ކެންޑިޑޭޓުންނަަށް ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ.