ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށް ބާއްވަން ފެންނަ ނުފެންނަ ވޯޓެެއް ނަގަނީ

ރައީސް ވިދާޅުވީ އެ ބަދަލާ އެެކު އެމަނިކުފާނުގެ އުންމީދަކީ 2028 ވަނަ އަހަރު ރިޔާސީ އިންތިހާބާއި 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީ ބޭއްވިގެން ދިއުން ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު އިންތިހާބެއް ގައި ވޯޓް ލައްވަނީ --

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

ރައީސްގެ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ހަރަދު ކުޑަކުރުމަށް ދާއިމީ ގޮތެއް ގައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފަ އެވެ. ސަރުކާރުން އެ އަމާޒަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަޅުއްވަން ނިންމަވާފައިވާ މުހިންމު ފިޔަވަޅުތައް ހާމަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ ވަކިވަކީން ކުރަން ބަލާއިރު ވަރަށް ބޮޑު ހަރަދެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުން،"

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވައިފިނަމަ ދައުލަތުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާ އެއީ އާބާދީ މަދު ރަށެއްގެ ބަޔަކު އެހެން ރަށަކަށް ބަދަލުކޮށް އެ މީހުންނަށް އެރަށުގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދެވޭނެހާ ފައިސާ ކަމަށެވެ. އަދި އެ ނޫން ވެސް އެތައް އާއިލާއަކަށް ދައުލަތުން އެތައް ކަމެއް އެ ފައިސާ އިން ކޮށް ދެވޭނެ ކަން ފާހަގަ ކުރެއްވި އެވެ.

ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވާނަމަ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ކުރީން އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަަމަށެވެ. އަދި އެ ވޯޓް ނެގުމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް މަޖިލީހާއި ރައްޔިތުންގެ ތާއީދު ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބަދަލާ އެެކު އެމަނިކުފާނުގެ އުންމީދަކީ 2028 ވަނަ އަހަރު ރިޔާސީ އިންތިހާބާއި 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީ ބޭއްވިގެން ދިއުން ކަމަށެވެ.

އެމަނިކުފާނު ވަނީ މަޖިލީސް މެންބަރުންގެ އަދަދު 93 ކުން 77 އަށް މަދު ކުރުމަށާއި ކޮމިޝަންތަކުގެ މެންބަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ ސައިޒު ވެސް ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.