މިހާރު އޮތް ގޮތުން ކުދިކުދި އާބާދީތަކަށް ފަސް މެންބަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކަށް ހަތް މެންބަރުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާ ވަރަށް އަވަހަށް ގާނޫނަށް ބަދަލު ގެންނަވަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ޕީއެންސީ ހައުސް ގައި މިރޭ އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަން ހާމަ ކުރައްވާފަ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި ކޮމިޝަންތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި ބައެއް ކޮމިޝަންތައް އެއްކޮށްލުމާއި ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ޖެހޭ. ކައުންސިލްތަކުގެ ސައިޒު ނުކަތާހާ ބޮޑު،" ރައީސް މިރޭ ވިދާޅުވި އެވެ.
މިހާރު އޮތް ގޮތުން ކުދިކުދި އާބާދީތަކަށް ފަސް މެންބަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކަށް ހަތް މެންބަރުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އާބާދީ މަދު ރަށްތަކަށް ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމު ހަނިކޮށް ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި / ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ މާނައެއް އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވެ އެ ގޮތް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ އަތޮޅު ކައުންސިލް އުފައްދާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާ އަތޮޅު ކައުންސިލްތަކުގެ ސައިޒު ވެސް ކުޑަކޮށް ނަތީޖާ ނެރެވޭނެ ގޮތަކަށް ބަދަލުތައް ގެންނަވާނެ ކަމަށެވެ.
ރައީސް ވަނީ އެކަމާ ގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށައަޅުއްވާނެ ކަމަށެވެ.