ރައީސަކީ ބަސްފުޅާ އަމަލު ދިމާކުރައްވާ ބޭފުޅެއް: ޣައްސާން

"އަޅުގަނޑު ރައީސް މުއިއްޒު ދަންނަތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑު އެމަނިކުފާނު އެންމެ ފުރަތަމަ ދަންނަން ފެށީ ސުކޫލު ދައުރުގައި. 1993 ގައި،"

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ އެމަނިކުފާނު ވިދާޅުވާ ބަސްފުޅާ އަމަލުފުޅު ދިމާކުރައްވާ ބޭފުޅެއް ކަމުގައި ދިފާއީ ވަޒީރު އަދި ޕީޕީއެމްގެ ނައިބުރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. 

ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ފަރާތުން އެ ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސަކީ މަދުރަސީ ދައުރުން ފެށިގެން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެއިރުއްސުރެވެސް ރައީސަކީ އިހުލާސްތެރި ހިތްހެޔޮ ތެދުވެރި ބޭފުޅެއްގެ ގޮތުގައި އެނގިވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ރައީސް މުއިއްޒު ދަންނަތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑު އެމަނިކުފާނު އެންމެ ފުރަތަމަ ދަންނަން ފެށީ ސުކޫލު ދައުރުގައި. 1993 ގައި. އެއިރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ވަރަށް އަހުލާގު ރަނގަޅު ބަސްފުޅު މަދު، ވިދާޅުވާ  ބަސްފުޅާ އަމަލު ދިމާކުރައްވާ ހިތްހެޔޮ އިހުލާސްތެރި ތެދުވެރި ބޭފުޅެއް،" ޣައްސާން ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ހަނދުމަ އާކުރައްވަމުން ޣައްސާން ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގައުމިއްޔަތުގެ ރޫހުގައި، އެންމެ ބޮޑު ޖޯޝެއްގައި ވާހަކަދެއްކެވި ބޭފުޅަކީ ރައީސް ޑރ.މުއިއްޒު ކަމަށެވެ. އިންތިހާބުގެ ނަތީޖާ އައިއިރު ރައްޔިތުން ނިންމާފައިވަނީ ރާއްޖޭގައި ދިވެހި ސިފައިން ނޫން އެހެން ގައުމެއްގެ ސިފައިން ތިބެން ބޭނުންނުވާ ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަން އޮންނަން ބޭނުންވާ ކަމަށް ކަމުގަ އެވެ. 

އަދި އިންތިހާބު ކާމިޔާބުވެވަޑައިގަތުމުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަސްދަރުތަކަށް ރައީސް ދެއްވީ އެއް ބަސްފުޅެއް ކަމަށާއި، އެއީ ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލެއްވުމުގެ ވައުދު ކަމަށް ޣައްސާން ވިދާޅުވި އެވެ. ބޭރު ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތް އިހުލާސްތެރިކަމާއެކު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމުގައި ޣައްސާން ފާހަގަކުރެއްވި އެވެ. 

ޣައްސާން އިތުރަށް ވިދާޅުވީ ނޮވެންބަރު 17 ވަނަ ދުވަހު ރައީސްކަމުގެ ހުވައިކުރެއްވުމަށްފަހު ރައީސް ދެއްވި ފުރަތަމަ ހިތާބުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތްކުރައްވަންކަން ސާފުވި ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެއްވުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ހުރަސްނުކުރެވޭނެ ގޮތަށް ވަރަށް ފަލަ ރަތް ރޮނގެއް ދަންމަވާފަ.،" ޣައްސާަން ވިދާޅުވި އެވެ. 

ރައީސްކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރައީސް ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދެނެވަޑައިގަތުން ކަމަށެވެ. އެއަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސް ޑިޕްލޮމެޓުގެ ހައިސިއްޔަތުން ރައީސް އިހުތިޔާރުކުރެއްވީ ޑިޕްލޮމެސީގެ އުސޫލުން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވި މާތް ހިކުމަތުން، މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު މިދިޔަ މޭ މަހުގެ 9 ވަނަ ދުވަަހުން ފެށިގެން މިބިމުގައި ގާއިމުވެގެން ބޭރުގެ އެއްވެސް ސިފައިންގެ މީހަކު، އިންޑިއާ އެއްވެސް ސިފައިންގެ މީހަކު ނެތް،" މިނިސްޓަރު ވިދާޅުވިއެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދެއްވަމުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ރައީސް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވުމާއެކު، ޣައްސާން ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ރައީސް ފެއްޓެވި ދެވަނަ މަސައްކަތަކީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. 

އެގޮތުން މިހާރު ސިފައިންގެ ވައިގެ ބާރު ގާއިމުކޮށް، އެ ބާރަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ޔޫއޭވީ ނުވަތަ ޑްރޯނު ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން ޣައްސާން ވިދާޅުވީ މިއީ ސިފައިންގެ ގާބިލިއްޔަތު އިތުރުކުރައްވަން ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ފެށުމެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.