ރިޒާވްގެ އަދާހަމަ | ޖުމްލަ 492 މިލިއަން ޑޮލަރު، ބޭނުންކުރެވޭ ގޮތަށް 73 މިލިއަން

ރިޒާވްގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މޭ މަހަކީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް ދައުލަތުގެ ރިޒާވް އެންމެ ދަށްވި މަހެވެ. ދެން އެންމެ ބޮޑަށް ޖުމްލަ ރިޒާވް ދަށްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

މޭ މަހުގެ ނިޔަލަށް ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 492 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި 622.1 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް މޭ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރީ 492.2 މިލިއަން ޑޮލަރެވެ. 

އެމްއެމްއޭގެ ހިސާބުތަކުން ފެންނަ ގޮތުގައި އޭޕްރީލު މަހާ އަޅާބަލާއިރު ދައުލަތުގެ ރިޒާވްއިން 130 މިލިއަނެއްހައި ޑޮލަރު މޭ މަހު ދަށްވެފައިވެ އެވެ. 

އޭޕްރީލު މަހުގައި ޖުމްލަ ރިޒާވްގައި 622.1 މިލިއަން ޑޮލަރު ހުރިއިރު ފައިސާގެ ބާޒާރަށް އަންނަ ލޮޅުމަކާ ވިދިގެން ބޭރު ފައިސާގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް މާކެޓުގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު ނުވަތަ ޔޫޒަބަލް ރިޒާވްއަކީ 98.1 މިލިއަން ޑޮލަރެވެ.

މޭ މަހުގައި ޖުމްލަ ރިޒާވް 492.2 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ފައިސާގެ އަދަދުވަނީ 73.1 މިލިއަން ޑޮލަަރަށް ދަށްވެފަ އެވެ. 

ރިޒާވްގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މޭ މަހަކީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް ދައުލަތުގެ ރިޒާވް އެންމެ ދަށްވި މަހެވެ. ދެން އެންމެ ބޮޑަށް ޖުމްލަ ރިޒާވް ދަށްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ މަހުގައި ރިޒާވްވަނީ 499 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ނަމަވެސް ޔޫޒަބަލް ރިޒާވްގައި 104.5 މިލިއަން ޑޮލަރު ހުއްޓެވެ. 

ދައުލަަތުގެ ރިޒާވް ބަލިކަށިވުމަކީ ސަރުކާރުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ސަބަބުތަަކުގެ ތެރެއިން ސަބަބެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރާ އެއް ސަބަބެވެ. 

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ފިޗް ރޭޓިން އެޖެންސީން ނިންމި ނިންމުމުގައި ރާއްޖޭގެ އިގުތިސާދަށާއި ސަރުކާރުގެ މާލީ ހާލަތަށް ހުރި ހިރާސްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ބަލިކަށިވުމާއި، ރާއްޖޭގެ މާލީ އިލްތިޒާމުތައް އަދާކުރުމަށް ބޭނުންވާ މިންވަރަށް ރިޒާވްގައި ބޭރު ފައިސާ ނެތުމުންނެވެ. 

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުންވަަނީ މާލީ އިސްލާހީ އެޖެންޑާއެއް އެކުލަވައިލާ އިއުލާނުކޮށްފަ އެވެ. އެ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތަކެއް އެކަަށައަޅާފައިވެ އެވެ. އެ އެޖެންޑާ ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުންވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.