ވައިގެ ދަތުރުފަތުރުގެ ބޮޑު ބައްދަލުވުން | 36 އެއާލައިން 12 އެއާޕޯޓުގެ ވެރިން ރާއްޖެއަށް

މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމަށް އާރޯކަން ގެނައުމެވެ. އަދި ވީއައިއޭ ޓާމިނަލް ހުޅުވަންވާއިރަށް އެއާލައިންތަކެއް ރާއްޖެ ގެނައުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭ ބައްލަވައި ލައްވަނީ -- މި

އަންނަ އަންގާރަ ދުވަހު ރާއްޖޭގައި ފަށާ އެއާ ސާވިސަސް ވޯލްޑް ކޮންގްރެސް ނުވަތަ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ ބޮޑު ބައްދަލުވުމުގައި 36 އެއާލައިނާއި 12 އެއާޕޯޓުގެ ވެރިނާއެކު 150 މަންދޫބުން ބައިވެރި ވާނެ އެވެ. 

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ އެއާ ސާވިސަސް ވޯލްޑް ކޮންގްރެސްގެ މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި މި އިންވެންޓުގައި 150 މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާއިރު ދުނިޔޭގެ ބައެއް ގައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ވެސް ބައިވެރި ވާނެ އެވެ. 

"ޓޫރިޒަމް ކުރިއެރުވުމުގައި ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް މި އޮންނަނީ ގުޅިފަ. ހާއްސަ ފަތުރުވެރި ކަމުން ނަފާ ހޯދާ ގައުމެއް ރާއްޖެއަކީ. ރާއްޖެއަކީ ފަތުރުވެރިކަމުން އޭވިއޭޝަން ތަރައްގީ ކުރާ ގައުމެއް. އެހެންވެ މިފަދަ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުން މުހިންމު ކަމަށް އަޅުގަނޑުމެން ދެކެނީ،" މިހާދު ވިދާޅުވި އެވެ. 

ގައުމީ ޓީވީގައި މިހާދު ވިދާޅުވީ މި ފަހަރު މިހާ ގިނަ މީހުން ބައިވެރިވުމަކީ ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަން ސެކްޓަރު ހިނގާ ގޮތް ހަމަލޮލުން ބަލައި ރާއްޖެއަށް އެއިން ގިނަ ފައިދާ ތަކެއް ކުރާނެ ކަމަކަށް ވާނެ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމަށް ފޯކަސް ކުރެވިގެން މި ބައްދަލުވުން މި ބާއްވަނީ. އެހެންވެ ރާއްޖޭގެ މެހުމާންދާރީ ދައްކައިދެން ބޭނުންވޭ، އެހެންވެ އިވެންޓް ރާފައި ވާނީ ރާއްޖެ ފެންނާނެ ގޮތަކަށް. އަޅުގަނޑުމެން ބޭނުން ވަނީ މި އިވެންޓުގެ ތެރޭން ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަންގެ ޔުނީކްކަން ތަޖުރިބާކުރަން ފުރުސަތު ދިނުން،" ކުރިން އެސްޓީއޯ އާއި ދުނިޔޭގެ އެންމެ ބޮޑު އޮޑިޓްފާމް ކޭޕީއެމްޖީގައި ވެސް މަސައްކަތް ކުރެއްވި މިހާދު ވިދާޅުވި އެވެ. 

ވީއައިއޭ ހުޅުވަންވާއިރަށް ތައްޔާރުވުން

މީޓިންތަކާއި ކޮންފަރެންސްތަކަށް ހާއްސަ ޓޫރިޒަމް، މައިސް ޓޫރިޒަމްގެ މި ބޮޑު އިވެންޓަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މީގެ ކުރިން ވެސް ބާއްވާފައިވާ ބައްދަލުވުމެކެވެ. ރާއްޖޭގައި އޮންނަ މި ބައްދަލުވުންތައް ތިން ރިސޯޓެއްގައި ކުރިއަށް ދާނެ އެވެ. މިގޮތުން މި އިވެންޓް ކްރޮސްރޯޑާއި ކުރުނބާ މޯލްޑިވްސް އަދި ޝެރެޓަން މޯލްޑިވްސްގައި އޮންނާނެ އެވެ. 

މި އިވެންޓް ބާއްވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ބައިވެރިވުމާއެކުގަ އެވެ. މިގޮތުން ޕާޓްނަރުންގެ ގޮތުގައި ޓޫރިޒަމް ސިނާއަތުގެ ބޮޑެތި ކުންފުނިތަކާއި އެއާލައިންތަކުން ބައިވެރިވެ އެވެ. މި އިވެންޓުގައި ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކުގެ ވެރިންނާއި އެއާލައިންތަކުގެ ވެރިން ބައިވެރިވާނެ އެވެ. މި އިންވެންޓަކީ ނެޓްވޯކިން އާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. 

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހާމިދު ހުޒާމް ވިދާޅުވި ގޮތުގައި މި ކޮންފަރެންސް ބޭއްވުމުގެ އެއް މަގުސަދަކީ އާ ވީއައިއޭ ޓާމިނަލް ހުޅުވަންވާއިރަށް އެކަމަށް ވެސް ތައްޔާރުވުމެވެ. 

"މި އިވެންޓަކީ އެއް ތަނަކުން ގިނަ ބަޔަކު ބައިވެރިވާނެ ބައްދަލުވުމެއް. މި ހުޅުވާލަނީ ރާއްޖެއަށް ދަތުރު ފަށަން ބޭނުންވާ އެއާލައިން ތަކުން ބޭނުންވާ މައުލޫމާތު ދިނުން. އެ ބޭފުޅުންގެ ކޮންސާންސްތައް އަޑު އެހުން،" ހާމިދު ވިދާޅުވި އެވެ. 

ޓޫރިޒަމް އާ މަޝްރޫއުގެ އަމާޒެއް

ސަރުކާރުން ދަނީ މި އަހަރުގެ ފަހު ކުއާޓަރުގައި ވީއައިއޭ އާ ޓާމިނަލް ހިދުމަތަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓާމިނަލް ރަސްމީކޮށް ހުޅުވާނެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރައްވާފަ އެވެ. މި މަޝްރޫއުގެ ދަށުން ސީޕްލޭން ޓާމިނަލް ކައިރީގައި އޮތް ޝެރެޓަން ފަޅުތެރެ އަށް ބަދަލު ކުރާނެ އެވެ. އަދި ޖެޓަށް ހާއްސަ ޓާމިނަލަކާއި ލޯކޮސްޓް ކެރިއާ އަށް ހާއްސަ ޓާމިނަލެއް ހަދާނެ އެވެ. އަދި ތެޔޮފުނަދޫ ނަގައި އެ ރަށުގައި ފައިނޭންޝަލް ސެންޓަރެއް ހަދާނެ އެވެ. އަދި ޝެރެޓަން އޮންނަ ފަޅާއި އެއާޕޯޓް އަދި މާލެ މޮނޮރޭލުން ގުޅާލާނެ އެވެ. 

އެއާ ސާވިސަސް ވޯލްޑް ކޮންގްރެސް

އެއާ ސާވިސަސް ވޯލްޑް ކޮންގްރެސް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. މިހާތަނަށް މި ކޮންފަރެންސް އެމެރިކާއި އާއި ދުބާއީ އަދި ލަންޑަންގައި ވަނީ ބާއްވާފަ އެވެ. މިއީ އެއާލައިންތަކުން ވިޔަފާރީގެ މަޝްވަރާތަށް ކުރަން ދުނިޔޭގައި އޮންނަ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.