ޓޫރިޒަމް ރަން އެވޯޑް ދިނީ ހައްގު ބޭފުޅުންނަށް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޓޫރިޒަމް ރަންފިލާ / އެވޯޑް ދީފައިވަނީ ހައްގު ބޭފުޅުންނަށް ކަމަށެވެ. ޓޫރިޒަމް ބޮއިކޮޓް ކުރެއްވުމަށް ގޮވާލެއްވި ބޭފުޅުންނަށްވެސް އެވޯޑް ދީފައިވާ ކަމަށް ސުވާލު ކުރުމުން ހައްގު ނޫން އެއްވެސް ބޭފުޅަކަށް އެވޯޑް ދީފައިނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓޫރިޒަމް އެވޯޑް އަރުވަނީ

ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކޮށް އިންޑަސްޓްރީއަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ރަންފިލާ / އެވޯޑް ދީފައި ވަނީ އެވޯޑް ލިބުން ހައްގު ބޭފުޅުންނަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ޓޫރިޒަމްގެ ރަން ފިލާ ދިނުމުގެ ޖަލްސާ ނުވަތަ "ގާލާ އިވްނިން" ގައި އެވޯޑް އެރުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހިމެނިފައިނުވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޓޫރިޒަމް ރަންފިލާ / އެވޯޑް ދީފައިވަނީ ހައްގު ބޭފުޅުންނަށް ކަމަށެވެ. ޓޫރިޒަމް ބޮއިކޮޓް ކުރެއްވުމަށް ގޮވާލެއްވި ބޭފުޅުންނަށްވެސް އެވޯޑް ދީފައިވާ ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ސުވާލު ކުރުމުން ހައްގު ނޫން އެއްވެސް ބޭފުޅަކަށް އެވޯޑް ދީފައިނުވާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

"އެވޯޑް ހައްގުވާ ބޭފުޅުންނަށް އެވޯޑް ދީފައިވަނީ. ހަމަ ގައިމުވެސް އެވޯޑް ހައްގުނުވާ ބޭފުޅަކަށް އެވޯޑް ދީފައެއް ނުވޭ. އެކިއެކި ދާއިރާތަކުން ރާއްޖޭގެ ފަތުރުވެރި ކަމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާ ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިއޮތް ހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެވޯޑް ދީފައިވަނީ،"

ރައީސް ޔާމީނަށް އެވޯޑް ނުދިން ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ސުވާލުގެ އެބަޔަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ނުބައްދަލު ބޮޑެތި އިންވެސްޓްމަންޓްތައް ކުރި ފަސް އަހަރެވެ. ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި 140 އަށް ވުރެ ގިނަ އިންވެސްޓްމަންޓު ކޮށްފައިވެ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީގެ ފައިލްތައް ހުޅުވާލުމުން ފެންނާން ހުންނާނެ މައުލޫމާތެވެ.

ޔާމީންގެ ދައުރުގައި ޓޫރިޒަމް އިންވެސްޓްމަންޓުގެ އަގު ހަތަރު ބިލިއަން ޑޮލަރު (61 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ލޯންޗް ކުރީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. އެއީ ލ. އަތޮޅުގައި ބަރެސްދޫގެ އިންޓްގޭޓެޑް ޓޫރިޒަމް ނަމުގައި ހިންގަން މަސައްކަތް ކުރެއްވި މަޝްރޫއެކެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ.

އެހެން ވިޔަސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު 50 އަށް ވުރެ ގިނަ ރިސޯޓް ހުޅުވި އެވެ. އަދި އެނދުގެ އަދަދު 20،000 އަށް ވުރެ އިތުރު ކުރި އެވެ. ފަޅު ހިއްކައިގެން އިންޓަގްރޭޓެޑް ތަފާތު ކޮންސެޕްޓުގެ ރިސޯޓު ހަދަން ފުރުސަތު ދިނީ ވެސް އެމަނިކުފާނުގެ ވެރިކަމުގަ އެވެ. މިގޮތުން ޓޫރިޒަމަށް ފައްކާ ކުރަން 25 ފަޅެއް އެ ވެރިކަމުގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު ދޫކުރި އެވެ. މި ފަޅުތަކުގައި އިންވެސްޓް ކުރުމަށް ދުނިޔޭގެ މަޝްހޫރު އެތަަށް އިންވެސްޓަރުންނެއް ރާއްޖެ އައެވެ.

ޗަމްޕާ ކުންފުނިން ތަރައްގީ ކުރި ހުރަވަޅި ރިސޯޓް ހުޅުއްވައިދެއްވާ ރައީސް ޔާމީން ޗަމްޕާ މުހައްމަދު މޫސާއާާ ސަލާމް ކުރައްވަނީ

މި ފަޅުތަކުގައި ދުނިޔޭގެ މަތީ ފަންތީގެ ޓޫރިޒަމް ޕްރޮޕަޓީތައް ހުޅުވިގެން ދިޔަ އެވެ. މީގެ ތެރެއިން އެއް މަޝްރޫއަކީ ތައިލެންޑުގެ ސިންހަ ކުންފުނިން އެނބޫދޫ ފަޅުގައި ހަތް ރަށް ހިއްކައިގެން ހެދި ކްރޮސްރޯޑް އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި މިގޮތަށް ހިންގި ފުރަތަމަ ޓޫރިޒަމް މަޝްރޫއެވެ. އެތަނުގައި ޝޮޕިން ފެސިލިޓީތަކާއި ގިނަ ރެސްޓޯރެންޓްތައް އެ ހުރީއެވެ. މިތަން ހަދާފައިވަނީ ދިވެހި އާޓިސްޓުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ.

ދުނިޔެއަށް މަޝްހޫރު ހާޑްރޮކް ހޮޓެލް އާއި މިނިސްޓްރީ އޮފް ކްރެބް އަދި ސައިލެގޫން ފަދަ ބްރޭންޑުތަކުގެ ތަންތަން މިތަނުގައި ހުޅުވި އެވެ. މީގެ އިތުރުން އެ ފަސް އަހަރު ނިމުނު ނަމަވެސް އެ ދުވަސްވަރު ދޫކުރި ފަޅުތަކުގައި މި އަހަރާ ހަމައަށް ވެސް ދަނީ ރިސޯޓުތައް ހުޅުވަމުންނެވެ. މީގެ އިތުރުން މާލެ އަތޮޅުން އެ ވެރިކަމުގެ ފަސް އަހަރު ދޫކުރި ފަޅެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒްކާލްޓަންގެ ރިސޯޓެއް ވެސް ހުޅުވި އެވެ. މިިއީ ވެސް ފަޅެއް ހިއްކައިގެން ހެދި ރިސޯޓެވެ. އެއީ ތިން ރަށުގެ މައްޗަށް އެކުލެވޭ ރިސޯޓެކެވެ. މީގެ އިތުރުން ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން ދޫކުރި ފަޅެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާގެ ރިސޯޓެއް ވެސް ހުޅުވާ މިހާރު އެ ވަނީ ހިދުމަތުގައެވެ.

ކޮމެންޓް

2
450
އެއމެން
1 year ago

އެވޯޑު ހޯދަން ފަހާ ބަޔަކު ދުއްވައިގެން ދޭ އެވޯޑެއް ޔާމީނަކަށް ނުލިނޭނެ. ސަބަބަކީ ޔާމީނަކީ އެވޯޑު ފަހާ އަތުލައިގެން އެވޯޑު ހޯދާ މީހެއް ނޫން! ގައުމީ ހިދުމަތެއްގެ ގޮތުގާ ޓޫރިޒަމަށް މަސަތްކަތް ކޮށް ދީ މަލްޓި ޕްރޮޕަޓީ ދިވެހި މެނޭޖަރުން ތަމްރީނު ކޮށް ރެސޯޓް ތައް ބިންގަލުން ފެށިގެން ތަރައްގީ ކޮށް ހިންގަދޭ ދިވެހި ތަޖުރިބާކަރުން މިހާރުވެސް ހިދުމަތުގާ އެބަތިބި. އެވޯޑު ފަހާދުވުމުގާ އެމީހުންގެ ވަގުތު ބޭކާރު ކުރާކަށް އެފަދަ ޚިދުމަތް ތެރީން ބޭނުމެއް ނުވޭ!

އެއްމެން
1 year ago

ހެހެހެ ވަރަށް ސަޅި! ޓޫރިޒަމް އެވޯޑުދިނީ އެ އެވޯޑު ފަހާދުވެ އަތުލި މީހުންނަށް! ފަހާދުވެގެން އެވޯޑު ހޯދަން ބޭނުން ނުވާ އެކަމަކު ރާއްޖޭގެ މިޒަމާނުގެ ޓޫރިޒަމް މިޖީލާ ހަމަޔަށް ގެނެސް ދިނުމަށް ވަރަށް ބުރަމަސަކަތް ކުރިމީހުން ދެނެނުގަނެވި އެބަތިބި. އެއީ މިގޮތަށް ދެވޭ އެވޯޑު ދިނުމގެ ނިޒާމު ހަމަޖެހިފަ އޮންނަނީ، އެވޯޑެއް ފަހާ ބަޔަކު މީހުން ދުއްވަިގެން އެއިގެތެރެން ހޮވާ ބަޔަކަށް ދޭގޮތަށް. ވީމާ ތިއެވޯޑު ހައްގުވާ، އެކަމުކު ފަހަތުން ނުދުވި ލެޖެންޓުން އެބަތިބި.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.